ސުޓޫޑެންޓް ލޯން ޕްރޮގްރާމް

ސްޓޫޑެންޓް ލޯނަށް އެދި 800 އެއްހާ ފޯމު

Mar 1, 2022

މަތީ ތައުލީމް ހާސިލްކުރަން ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 800އާ ގާތްކުރާ އަދަދަކަށް ހުށަހެޅުން ލިބިފައިވާ ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ހަޔާ އެޑިއުކޭޝަން ލޯން ސްކީމް 2022 އަށް އެދި ފޯމު ހުށަހެޅުމަށް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ. މި ފުރުސަތު މިމަހުގެ ތިންވަނަ ދުވަހަށް ހަމަވާނެ ކަމަށް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މި ލޯން ސްކީމްގެ ދަށުން 720 ދަރިވަރުންނަށް ލޯނު ދޫކުރަން ސަރުކާރުން ނިންމާފައިވެ އެވެ. އެގޮތުން އަލަށް ކިޔަވަން ފަށާ 417 ދަރިވަރަކަށް އަދި މިހާރު ކިޔަވަމުންދާ 303 ދަރިވަރަކަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރު 1500 ދަރިވަރަކަށް ސަރުކާރުން ވަނީ ސްޓޫޑެންޓް ލޯން ދޫކޮށްފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ކުރިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސްވެސް ކޮށްދީފަ އެވެ.