ހަބަރު

ފްލައިން ސްކޫލް މައްސަލާގައި މަޖިލީހުގެ ކޮމިޓީ އައްޑޫއަށް

Dec 27, 2020

އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލުން އެތަނުގައި ކިޔަވައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ގޮތަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާތައް އިތުރުވެފައިވަނިކޮށް، އެ މައްސަލަތައް ހައްލުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގެ މެންބަރުން މިއަދު އައްޑޫއަށް ވަޑައިގެންފި އެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާމެދު އެތަނުން ވަރަށް ބޮޑަށް ތަފާތުކޮށް ބައެއް ކުދިން ވަކިކޮށް ހަދަމުންދާއިރު، އެތަނަށް ދައްކަންޖެހޭ ފީވެސް އެމެރިކާ ޑޮލަރުން ނަގަމުންދާކަމުގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައި އެވެ.

އެކަމުގެ ކަންބޮޑުވުންތައް ދަރިވަރުން ފާޅުކުރަމުން ގެންދާތާ އެތައް ދުވަހެއް ވެފައިވާއިރު، ނަމަވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުން ފިޔަވާ އެހެން އެއްވެސް ކަމެއް ސަރުކާރުގެ އިދާރާތަކުން ކޮށްފައެއް ނުވެ އެވެ.

އެ މައްސަލަ ދާދި ފަހުން ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ވެސް ގެންގޮސްފައިވާއިރު، އެކަމަށް އަދިވެސް ހައްލެއް ލިބިފައިނުވާކަމަށް ދަރިވަރުން ދަނީ ބުނަމުންނެވެ.

މަޖިލީހުގެ މީޑިއާ އަދި ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު އަވަސް އަށް ވިދާޅުވީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ހަ މެންބަރަކު މިއަދު އައްޑޫއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

އަދި ފްލައިން ސްކޫލްގެ މައްސަލާގައި މާދަމާގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި، އައްޑޫ އެއާޕޯޓާއި، ސިޓީ ކައުންސިލްގެ އިތުރުން އޭއޭއޭ އާއި އެތަނުގައި ކިޔަވާ ދަރިވަރުންނާ ކޮމިޓީގެ މެންބަރުން ބައްދަލުކުރައްވައި، އެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ޒިޔާއު ވިދާޅުވި އެވެ.