އައްޑު އަތޮޅުގައި ހިންގަމުންދާ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭއިންސާފުން ކަންކަން ކުރަމުންދާތީ އަދި ބައެއް ދަރިވަރުން ކޯހުން ވަކި ކުރުމަށް ނޯޓިސް ދީފައިވާތީ ސަރުކާރުން ވަރުގަދަ އެންގުންތަކެއް އަންގައިފި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފްލައިން ސްކޫލާއި ގުޅިގެން ހުށައެޅުނު ގިނަ ޝަކުވާތައް ބެލުމަށް ފަހު ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އަންގާފައިވާ ކަމަށެވެ. އޭގެ ތަފްސީލް ވެސް ހިމަނާފައި ވެއެވެ.
އެ ގޮތުން ޝަކުވާތަކާއި ގުޅިގެން ހެދި އޮޑިޓުން ފާހަގަ ކުރެވުނު ކަންކަން ރަނގަޅު ކުރުމަށާއި ދަރިވަރުންނާއި އިންސްޓްރަކްޓަރުންނާމެދު އަމަލު ކުރަން ޖެހޭ ގޮތާއި މަތިންދާބޯޓްތަކާއި މެއިންޓެނަންސް ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ ކަންކަމާއި ދަރިވަރުން ސުކޫލުން ވަކި ކުރަމުންދާ މައްސަލައާއި ގުޅިގެން އެންގުންތަކެއް ވަނީ ނެރެފަ އެވެ.
ހަތަރު ސަފްހާގެ ދިގު ބަޔާނުގައި ބުނެފައި ވަނީ މިހާތަނަށް ވަކިކުރަން ނޯޓިސް ދިން ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލް ކުރަން އަންގާފައިވާ ކަމަށާ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނު މަނާ ކަމަށްވާތީ އެކަން އެގޮތަށް ނުކުރުމަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ތަމްރީންތައް ޝެޑިއުލް ކުރެވެމުންދާ ގޮތާއި ތާވަލް އާންމުކޮށް ފެންނަން ހުންނާނެހެން އާންމު ކުރުމަށްވެސް އަންގާފައި ވެއެވެ.
އަދި ސެޕްޓެންބަރުގެ އޮޑިޓަށް ފަހު އިތުރު އެއްވެސް ދަރިވަރަކު ކޯސްތަކަށް އެންރޯލް ކުރުން މަނާ ކޮށްފައިވާއިރު ކޯސްތަކަށް ބިދޭސީ ދަރިވަރުންނަށް އެޑްމިޝަން ދިނުން ވަނީ މަނާ ކޮށްފަ އެވެ. އަދި އިތުރު އިސްޓްރަކްޓަރުން އައްޔަން ކުރަން އަންގާ ސުކޫލްގެ މަތިންދާބޯޓްތައް ބޭނުން ކޮށްގެން ހިންގިދާނެ އިތުރު އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުންވެސް ވަނީ މަނާކޮށްފައެވެ. މެއިންޓެނަންސް ދާއިރާގެ ގަވާއިދުތަކާއި ފްލައިން ސުކޫލުން ހިލާފުވެފައިވާތީ ޖޫރިމަނާ ކުރުމުގެ ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ. އަދި ބޯޓް ފަހަރު މަރާމާތު ކުރުމަށް ބޭނުންކުރާ ސާމާނު ގެނޭތޯ ބެލުމާއި ދަރިވަރުންގެ ޓްރެއިންނަށް އަސަރު ކުރާ ގޮތަށް މިހާރު އިންތިޒާމް ކުރެވިފައިވާ ކަންކަން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.
އެ ބަޔާނުގައި ބުނީ އެ އެންގުންތަކަށް ފްލައިން ސުކޫލް ތަބާވޭތޯ ބެލުމަށް ކޮންމެ ދުވަހަކުވެސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އިންސްޕެކްޓަރަކު ސުކޫލްގައި މަޑުކުރާނެ ކަމަށެވެ. އަދި ދަރިވަރުންނަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ހައްލު ކުރާނެ ކަމަށެވެ.
މީގެ އިތުރުން ކޯހުގައި ކިޔަވަމުންދާ ދަރިވަރުންގެ ލޯން ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމަށްވެސް ވަނީ ނިންމާފައެވެ.