އައްޑޫ ފްލައިން ސްކޫލް

ފްލައިން ސްކޫލް އެވިޑް ކޮލެޖާ ހަވާލުކުރަނީ

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް އިން އައްޑު އަތޮޅުގައި ހިންގާ ފްލައިން ސުކޫލް ރާއްޖޭގެ އެވިޑް ކޮލެޖާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އައްޑޫ ފްލައިން ސްކޫލުގެ އިސް ވެރިޔަކު މިއަދު ވިދާޅުވީ އެ ސްކޫލުގެ ހިންގުން އެވިޑް ކޮލެޖްގެ ދަށަށް ބަދަލު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށާއި މާދަމާ އެވިޑްގެ ދަށަށް އެ ސްކޫލުގެ ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ.

އެވިޑް ކޮލެޖުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫ ފްލައިން ސްކޫލް އެ ކޮލެޖްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ހިނގާ ކަމަށެވެ. އެހެން ނަމަވެސް އެ ތަފްސީލް ތައް ދޭނީ ކޮލެޖުގެ ޗެއާމަން ކަމަށެވެ. ވެ. އެވިޑްގެ ޗެއާމަން އަބްދުﷲ މުސްތާގަށް ގުޅި ނަމަވެސް އޭނާ ފޯނެއް ނުނަންގަވެ އެވެ.

އައްޑޫ ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފްލައިން ސްކޫލް ކޮލެޖެއްގެ ދަށަށް ބަދަލު ކުރުމުން، މިހާރު އެތާނގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ހަމައެކަނި ސުކޫލުގެ ތޮށިގަނޑު ބަދަލުކޮށްލުން ކަމަށް ނުވާނެ ކަމަށާއި އެ ބަދަލާއެކު ކޮލެޖުން ހުރިހާ ޒިންމާއެއް ވެސް ނަގާނެ ކަމަށެވެ.

ފްލައިން ސްކޫލް ކޮލެޖެއްގެ ދަށަށް ބަދަލު ކުރަން މަސައްކަތް ފެށިއިރު އެ ސުކޫލްގައި ހުރި ގިނަ މައްސަލަތަކުގެ ސަބަބުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ބާތިލު ކޮށްފަ އެވެ.

އައްޑޫ ފްލައިން ސުކޫލްގައި ހުރި މައްސަލަތައް ބަލައި އެތަނުގެ އިސް ދެ ވެރިޔަކަށް ފިޔަވަޅު އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް މީގެ ކުރިން އަންގަވާފައިވެ އެވެ. އަދި ފްލައިން ސުކޫލް އޮޑިޓްކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މީގެ ކުރިން ފާހަގަ ކޮށްފައިވާ ކަންކަމާއި ގުޅިގެން އެ ސުކޫލްގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން ކެޕްޓަން ސުރަންޖަން ޑީ ސިލްވާ އާއި އެކައުންޓެބަލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ވެސް ރައީސް ވަނީ އަންގަވާފަ އެވެ.

ފްލައިން ސުކޫލްގައި ކިޔަވާ ދަރިވަރުން ބީއެމްއެލް އިން ނަގާފައިވާ ލޯންތަކަށް އިންޓަރެސްޓް އަރަމުންދާ މައްސަލައިގައި ދަރިވަރުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރުމުން އެ މައްސަލަ ހައްލު ކުރަން ވެސް ފިޔަވަޅު އެޅި އެވެ. އެކަން ހައްލު ކޮށްފައި ވަނީ ދަރިވަރުން ނަގާފައިވާ ލޯންތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް މިނިސްޓްރީން އެކަން ހަމަޖައްސާ ގޮތަށެވެ. ދަރިވަރުންގެ ފީގެ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ބޮޑުވުމާ ގުޅިގެން އޭރު ވެސް ސަރުކާރުން ވަނީ ލޯން ދައްކަން ޖެހޭ މުއްދަތު އިތުރު ކޮށްދީފަ އެވެ.

މީގެއިތުރުން ފްލައިން ސުކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި އިހުމާލުވެފައިވާ ނަމަ އިހުމާލުވީ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ރައީސް ވަނީ އަންގަވާފަ އެވެ.

އައްޑޫގައި ހިންގާ ފްލައިން ސުކޫލްގެ މައްސަލަ ބޮޑުވުމުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާއި ގުޅޭ ކޮމިޓީން ވެސް ވަނީ ބަލާފަ އެވެ. ކޮމިޓީއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ހާޒިރުކޮށް މައްސަލައާއި ގުޅޭގޮތުން ސުވާލު ވެސް ކުރި އެވެ. އަދި ކޮމިޓީގެ މެންބަރުން އައްޑޫއަށް ވަޑައިގެން ފްލައިން ސުކޫލްގެ އިސްވެރިންނާ ބައްދަލު ކުރައްވާ ތަނުގައި ހުރި މައްސަލަތައް ވަނީ އޮޅުން ފިލުއްވާފަ އެވެ.

ފްލައިން ސުކޫލްގައި ކިޔަވަމުންދާ 170 ދަރިވަރުންނަށް ކިޔަވައިދޭން އެކަށީގެންވާ އަދަދަށް މުދައްރިސުން ނެތުމާއި ޓެކްނިކަލް މައްސަލަތަކެއް ހުރި ދުވަސްވީ ބޯޓު ތަކެއް ހުރުމާއި އަދި ދަރިވަރުންނަށް ބޭނުންވާ ވަރަށް ތަނުގައި ބޯޓު ނެތް މައްސަލަ ވެސް ފާހަގަ ކުރެވެ އެވެ.