އައްޑޫ ފްލައިން ސްކޫލް

އޭއޭއޭގެ ދަރިވަރަކަށް މަރުގެ ތުހުމަތު ކުރުމުން ކަންބޮޑުވެއްޖެ

Mar 2, 2021

އައްޑު އަތޮޅުގައި ހިންގާ ފްލައިން ސްކޫލް، އޭޝިއަން އެކެޑަމި އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ދަރިވަރަކަށް އެ ސުކޫލުން ފޮނުވި އީ-މެއިލްއެއްގައި އެ ދަރިވަރަކީ ގަސްތުގައި މީހަކު މަރާފައިވާ ދަރިވަރެއް ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށް ބުނެ އޭއޭއޭ ދަރިވަރުންގެ ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާމެދު އެތަނުން ވަރަށް ބޮޑަށް ތަފާތުކޮށް ބައެއް ކުދިން ވަކިކޮށް ހަދަމުންދާއިރު ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބެމުންދާ ކަމުގެ ޝަކުވާ އެ ދަރިވަރުން ކުރަމުންދާތާ އެތަށް ދުވަހެއް ވެއްޖެ އެވެ.

އޭއޭއޭ ދަރިވަރުންގެ ޔޫނިއަން އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އޭއޭއޭއިން ދަރިވަރަކަށް އެ ސުކޫލުން ފޮނުވި އީ-މެއިލްއެއްގައި އެ ދަރިވަރަކީ ގަސްތުގައި މީހަކު މަރާފައިވާ ދަރިވަރެއް ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށެވެ. އެ އީއެމްއިލް ފޮނުވާފައިވަނީ ޓްރާސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ކޮޕީކޮށް ކަމަށްވެސް ބުންޏެވެ.

ދަރިވަރުންގެ ޔޫނިއަންއިން ބުނީ އެ ތުހުމަތަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއްވެސް އެކުލެވިގެންވާ ތުހުމަތެއް ނޫން ކަމަށާ މި އަމަލަކީ އެ ޔޫނިއަންއިން ދަރިވަރުންގެ ހައްގުގައި ކުރަމުންދާ އަންނަ މަސައްކަތުގައި އެ ދަރިވަރު ބައިވެރިވަމުން އަންނާތީ ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ކުރިމަތީ އެ ދަރިވަރުގެ ނަން ކިނލަބުކޮށް އެ ދަރިވަރުގެ ކެރިއަރު ދުއްވާލުމަށް ދިން ޒާތީ ހަމަލާއެއް ކަމަށެވެ.

"މި ޔޫނިއަން އިން ގަބޫލުކުރާ ގޮތުގައި މި އަމަލަކީ އޭއޭއޭގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެކެވެ. އޭއޭއޭގެ މި އަމަލު މި ޔޫނިއަން އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،"

މީގެ ކުރިންވެސް ތަކުރާރުކޮށް އޭއޭއޭގެ ދަރިވަރުންނަށް ނަފްސާނީ އަދ ޖިސްމާނީ އަނިޔާތައް ލިބިފައިވާއިރު އެކަމުގެ ޝަކުވާ ކަމާބެހޭ އިދާރާތަކަށް ހުށައަޅާފައިވާ ކަމަށާ އެފަދަ ކަންކަން ކުރިމަތިވަނީ ދަރިވަރުންގެ ހައްގު ހޯދުމަށް ވަކާލާތު ކުރަމުން އަންނަ އައުމަށް ހުރަސް އަޅައި އެ ދަރިވަރުން ނަފްސާނީ ގޮތުން ބަލިކަށި ކުރުމަށް ގަސްތުގައި ކޮށްފައިވާ އަމަލެއް ކަމަށެވެ.

ދަރިވަރުންގެ ޔޫނިއަން އިން ވަނީ ދަރިވަރަށް ކުރި ގޯނާގެ މި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.