އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލުގައި ކިޔަވައި ދަރިވަރުންނަށް ރާއްޖޭން ބޭރުން ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާމެދު އެތަނުން ވަރަށް ބޮޑަށް ތަފާތުކޮށް ބައެއް ކުދިން ވަކިކޮށް ހަދަމުންދާއިރު، އެތަނަށް ދައްކަންޖެހޭ ފީވެސް އެމެރިކާ ޑޮލަރުން ނަގަމުންދާކަމުގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައި އެވެ.
އެކަމުގެ ކަންބޮޑުވުންތައް ދަރިވަރުން ފާޅުކުރަމުން ގެންދާތާ އެތައް ދުވަހެއް ވެފައިވާއިރު، ނަމަވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުން ފިޔަވާ އެހެން އެއްވެސް ކަމެއް ސަރުކާރުގެ އިދާރާތަކުން ކޮށްފައެއް ނުވެ އެވެ.
އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ވަނީ އައްޑޫއަށް ގޮސް އައްޑޫ އެއާޕޯޓާއި، ސިޓީ ކައުންސިލްގެ އިތުރުން އޭއޭއޭ އާއި އެތަނުގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ފްލައިން ސްކޫލުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން، އެންމެ އިސްކަމެއް ދީގެން މިހާރު ކުރަނީ އެތަނުގައި ކިޔަވާ ކުދިންނަށް ރާއްޖޭން ބޭރުގެ ފްލައިން ސްކޫލަކުން ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް، އެކަމަށްޓަކައި، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފުރިހަމަކޮށްފައިވާ މިންވަރާއި ބާކީ އޮތް މުއްދަތުގެ މައުލޫމާތު ފްލައިން ސްކޫލުން ދަތިތަކެއް ހުރި ކަމަށް ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ރާއްޖެއިން ބޭރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާއި ފްލައިން ސްކޫލުތަކާ މަޝްވަރާ އެބަ ކުރަން ދިވެހި ދަރިވަރުންނަށް ކޯހުގެ ބާކީ އޮތް ބަޔަށް ފުރުސަތު ދެވިދާނެތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ދަރިވަރުންނަށް ސަރުކާރުން ދީފައިވާ ލޯނަށް ލުޔެއްދީ، ކޮންމެ ތާރީހެއްގައި ނިމުނު ނަމަވެސް، ކޯސް ނިމޭތާ ހަ މަސް ފަހުން ލޯނު ދައްކާ ގޮތަށް މުއްދަތު ފަސްކޮށްދީފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކޮންމެ ފިޔަވަޅެއް އަޅައިގެން ނަމަވެސް، ފްލައިން ސްކޫލުގެ ދަރިވަރުންގެ ޝަކުވާތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ.
އަދި އެ ސްކޫލުން ކަންކަން ރަނގަޅުކުރަން އެންގި ނަމަވެސް އެކަމުން އެދެވޭ ނަތީޖާއެއް ނުފެނި، މައްސަލަ ބޮޑުވެގެން ގޮސްފައިވަނީ ސިޔާސީ ނުފޫޒުތަކެއް ހުރެގެން ކަމަށް ނަހުލާ މިއަދު ވިދާޅުވި އެވެ.