އަހުމަދު ނަސީމް

މާސްކް ދޫކޮށްލާކަށް އަދި ނުވިސްނަން: ނަސީމް

Aug 15, 2021

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުނު ނަމަވެސް މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އަދި ވިސްނާފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ ސްކޫލު ކުދިންގެ ވެކްސިން ޕްރޮގްރާމު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިއަދު އަމީނިއްޔާ ސްކޫލަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ސްކޫލު ކުދިންގެ ވެކްސިން ޕްރޮގްރާމު މިއަދު ފަށާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ނަސީމް ވިދާޅުވީ ދަރިވަރުންގެ ވެކްސިން ޕްރޮގްރާމާ އެކު ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ހުރިހާ އެންމެންނަށް ވެސް ވެކްސިން ދޭން މިހާރު މިވަނީ ފެށިފައި ކަމަށެވެ.

ނަސީމް ވިދާޅުވީ ވެކްސިން ޕްރޮގްރާމުގައި މުޅި ދުނިޔޭގައިވެސް ރާއްޖެ އަކީ މިހާރު އެންމެ ކާމިޔާބު އެއް ގައުމަށް ވާނެ ކަމަށެވެ. އެ ކާމިޔާބަށް ވާސިލްވެވުނީ ސަރުކާރުގެ ލީޑާޝިޕްގެ ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި ސްކޫލުތަކުގައި ވެކްސިން ދެނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން 12 އަހަރުން މަތީގެ 90 ޕަސަންޓް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދިނުމެވެ.

ހެލްތު މިނިސްޓަރު ނަސީމު މިއަދު ވިދާޅުވީ އުމުރުން ފަސް އަހަރުން މަތީގެ ކުދިންނަށް ވެސް ވެކްސިން ޖެހިދާނެތޯ މިހާރު ދިރާސާތަކެއް ކުރެވެމުންދާތީ އެ ދިރާސާތަކުގެ ނަތީޖާ ތަކަށް ބަލައި އެއީ ކުރެވިދާނެ ކަމެއް ކަމަށްވާނަަ ފަސް އަހަރުން މަތީގެ ކުދިންނަށް ވެސް ވެކްސިން ޖެހުމަށް ސަރުކާރުން މަސައްކަތް ފަށާނެ ކަމަށެވެ.

"މި މަސްނިމޭއިރު އެ ދިރާސާތައް ނިމޭނެކަމަށް މަޢުލޫމާތު ލިބެނީ. އިރާދަކުރެއްވިއްޔާ އެކަންވެސް އަޅުގަނޑުމެންނަށް ފަހިވާނެ. އެކަން ފަހިވުމުން އާބާދީގައި ވެކްސިން ނުޖެހޭ މީހުން ވަރަށް މަދުވާނެ" ނަސީމް ވިދާޅުވި އެވެ

މިނިސްޓަރު ނަސީމު އިތުރަށް ވިދާޅުވީ ވެކްސިން ޖެހުމުގައި ސަރުކާރުގެ އަމާޒެއް އޮތް ނަމަވެސް އަދި ވެކްސިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ނަމަވެސް މާސްކް އެޅުމަށް މަޖުބޫރުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން އަދި ވިސްނާފައި ނުވާ ކަމަށެވެ.

ސްކޫލު ކުދިންނަށް ވެކްސިން ދޭން ފެށުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރިވަރުންގެ ކިޔެވުން ހުއްޓިދާނެތީ ކަމަށެވެ. އެކަމަކު މިއަދު ވެކްސިން ދޭން ފެށުމާ އެކު ސްކޫލުތައް ބަންދުކުރަން ޖެހޭ ހާލަތަކަށް ދެން ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަމަކު ދެން ސްކޫލްތައް ބަންދުނުކޮށް ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރަން" މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއަދު ގާތްގަނޑަކަށް 600 ދަރިވަރުން ވެކްސިން ޖަހާނެ ކަމަށެވެ. އަދި ދަރިވަރުންގެ ވެކްސިން ޕްރޮގްރާމަށް ހުރިހާ ބެލެނިވެރިން ވެސް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.