ޑރ. އައިޝަތު އަލީ

މިނިސްޓަރުގެ އިލްތިމާސް: ދަރިވަރުން ސުކޫލަށް ފޮނުވައިދެއްވާ

ސުކޫލަށް އައިސް ކިޔެވުމުގެ ފުރުސަތު ނުލިބި ތިބެން ޖެހުމަކީ ދަރިވަރުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަކަށްވާތީ މާދަމާ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ހުރިހާ ދަަރިވަރުންވެސް ސުކޫލަށް ފޮނުވައިދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިލްތިމާސް ކުރައްވައިފި އެވެ.

ގިނަ ދުވަސްތަކަކަށްފަހު އަލުން ސުކޫލުތައް ހުޅުވަން ނިންމާ ދަރިވަރުން ސުކޫލުތަކަށް ހާޒިރުވެގެން ކިޔަވަން ޖެހޭ ގޮތަށް ވަނީ ނިންމާފައެވެ. އެ ނިންމުމަށް މާދަމާ އަމަލު ކުރަން ފަށާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ އާންމުކުރި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ސުކޫލަށް އައިސް ކިޔެވުމުގެ ފުރުސަތު ނުލިބި ތިބެން ޖެހުމަކީ ދަރިވަރުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެކަމަނާ ވަނީ ހުރިހާ ދަރިވަރުންވެސް ސުކޫލަށް ފޮނުވަން ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. މިނިސްޓަރު ވިދާޅުވީ ހުރިހާ ސުކޫލުތަކަކީވެސް ރައްކާތެރި ތަންތަން ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ބެލެނިވެރިންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ދަރިވަރުން ސުކޫލަށް އައުމުގެ ފުރުސަތު ނުލިބި ގޭގައި ތިބުމަކީ އަސްލު އެ ކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތައް ވާނެ ކަމެކޭ. އެހެންވީމަ ދަރިވަރުން ސުކޫލަށް ފޮނުއްވަވައި ދެއްވާށޭ. އަޅުގަނޑުމެން ޔަގީންކަން އަރުވަމޭ ސުކޫލުތަކުގެ މާހައުލަކީ ދަރިވަރުން ރައްކާތެރި ތަނަކަށް ހަދައިދޭނެކަން،"

ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް ސުކޫލުތަކުން ގިނަ މަަސއްކަތްތަކެއް ކޮށްފައިވާ ކަމަށާ ހުރިހާ ދަރިވަރުންނަށްވެސް ސުކޫލްތަކަށް އައިސް ކިޔެވޭނެ މަގު ފަހިވުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބެލެނިވެރިންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ދަރިވަރުން ސުކޫލަށް އައުމުގެ ފުރުސަތު ނުލިބި ގޭގައި ތިބުމަކީ އަސްލު އެ ކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތައް ވާނެ ކަމެކޭ. އެހެންވީމަ ދަރިވަރުން ސުކޫލަށް ފޮނުއްވަވައި ދެއްވާށޭ. އަޅުގަނޑުމެން ޔަގީންކަން އަރުވަމޭ ސުކޫލުތަކުގެ މާހައުލަކީ ދަރިވަރުން ރައްކާތެރި ތަނަކަށް ހަދައިދޭނެކަން
ޑރ. އައިޝަތު އަލީ | އެޑިއުކޭޝަން މިނިސްޓަރު

ބަލިމަޑުގެ މި ހާލަތުގައި ސުކޫލުތަކަށް ދަރިވަރުން ފޮނުވަން ޖެހިލުންވެދާނެ ކަމަށާ ނަމަވެސް ސުކޫލްތައް ވަނީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް ވިދާޅުވިއެވެ. އެގޮތުން ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއްދީ ކަންކަން ކަންކަން އިންތިޒާމު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"ހުރިހާ ކުދިން ތަންކޮޅެއް ބިރުގެންފާނެ މިފަހަރު ސުކޫލަށް ހާޒިރުވެ ކިޔެވުމަށް. އެކަމަކު އަޅުގަނޑު ދަންނަވާލަން އޮތީ ކަންބޮޑުނުވާށޭ، އަޅުގަނޑުމެން ސުކޫލުތަކުގެ ތައްޔާރީތައް ވެފައި މިހުރީ ތި ކުދިންނަށް ސުކޫލްތަކުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ބަލީގެ ކިތަންމެ އާދައިގެ އަދި ކިތަންމެ ކުޑަކުޑަ އަލާމާތެއް ހުރިނަމަވެސް އެފަދަ ދަރިވަރަކު ސުކޫލަށް ފޮނުވާކަށް ނުވާނެ ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެނުމާއެކު ފްލޫކުލިނިކަށް ގެންގޮސް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއެއް ލިބުމުން ނޫނީ ސުކޫލަށް ފޮނުވައިގެން ނުވާނެ ކަމަށެވެ.

"ބަލީގެ އެއްވެސް އަލާމާތެއް، ކިތަންމެ އާދައިގެ ކިތަންމެ ކުޑަކުޑަ އަލާމާތެއް ހުރި ނަމަަވެސް ކުއްޖަކު ސުކޫލަށް ފޮނުވާކަށް ނުވާނެ. ވީހާ އަވަހަށް ފްލޫ ކުލިނިކަށް ގެންގޮސް ސާމްޕަލް ނެގުމަކީ ވަރަށް މުހިންމު ކަމެއް. އަދި ނެގެޓިވް ނަތީޖާއެއް ނުލިބެނީސް ސުކޫލަށް ފޮނުވައިގެން ނުވާނެ،" ނަޒްލާ ވިދާޅުވިއެވެ.