ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮވިޑް ނެތް ރަށްރަށުގައި ކިޔަވައިދޭ ވަގުތު އިތުރުކުރަނީ

އަންނަ ހަފްތާގައި ސުކޫލުތައް ހުޅުވާއިރު ކޮވިޑް ނެތް ރަށްރަށު ސުކޫލްތަކުގައި ފަސް ގަޑިއިރު ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ވަރަށް ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ސުކޫލްތައް ހުޅުވޭނީ އަންނަ އާދިއްތަ ދުވަހުއެވެ. ނަމަވެސް މާލެ ސުކޫލްތަކުގައި ކިޔަވައިދޭނީ ކީސްޓޭޖް ހަތަރަކާއި އާއި ފަހެއް، (ގްރޭޑް 9 އިން 12 ) އަށެވެ. މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސުކޫލްތަކުގެ ކިޔެވުން ފަށަން ނިންމީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. އެގޮތުން ސުކޫލްތަކުގަައި ގައިދުރުކަން ބެހެއްޓުމާއި ސާފުތާހިރުވެވޭނެ އިންތިޒާމް ސުކޫލްތަކުގައިވެސް ހަމަޖެހިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސުކޫލްތަކުގައި ކިޔަވައިދޭ ގަޑި މަދުކުރި ނަަމަވެސް ކޮވިޑް ނެތް ރަށްރަށުގެ ސުކޫލްތަކުގައި ފަސް ގަޑިއިރަށް ކިޔަވައިދޭން މިހާރު ނިންމާފައިވާ ކަމަށެވެ.

"ކޮވިޑް ނުފެތުރޭ ރަށްރަށުގައި ކިޔަވައިދޭ ވަގުތު އިތުރު ކުރުމަށް ވަނީ ނިންމާފައި. ކުރީގައި އަޅުގަނޑުމެން މި ކިޔަވައިދެނީ ސެޝަނަކަށް ހަތަރު ގަޑިއިރު ނަމަވެސް މިހާރު އަންނަ ހަފްތާއިން ފެށިގެން ފަސް ގަޑިއިރު ކިޔަވައިދިިނުމުގެ ފުރުސަތު އަތޮޅުތެރޭގެ ސުކޫލްތަކުގައި އެބަ ހުޅުވާލަން،"

އެ ނިންމުން ނިންމާފައިވަނީ ސްކޫލަށް ގެނެސްގެން ކިޔަވައިދިނުމުގެ ފައިދާ ބޮޑުވުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސިޓީގައި ކޮވިޑް ފެތުރެންް ފެށުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށް ކިޔެވުން މެދުކަނޑާލުމަށް ފަހު ތިން މަސް ފަހުން ސްކޫލްތައް ހުޅުވީ މިދިއަ ޖޫންގަ އެވެ. އެފަހަރު ވެސް ހުޅުވާލީ ގްރޭޑް ނުވައަކުން މަތީގެ ގްރޭޑް ތަކަށެވެ. ނަމަވެސް ސްކޫލްތައް އަލުން ބަންދުކުރީ މާލެ ސިޓީގައި ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމުންނެވެ.

ސްކޫލްތަކުގެ ކިޔެވުމަށް އައި ބޮޑު ބަދަލާއެކު ގެއްލުނު ފިލާވަޅުތައް އަންނަ އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 10 ގައެވެ. އާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ އަންނަ އަހަރު ޖެނުއަރީ 10 ގަ އެވެ. އަދި ޖޫން 24 ގެ ނިޔަލަށް ދެ ވަނަ ޓާމު ދެމިގެންދާނެ އެވެ.

މާލޭ ސިޓީގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަަހު މިދިޔަ ތިން ހަފްތާގައި ކޮވިޑްގެ ކޭސްތައް ވަނީ ނިސްބަތުން މަދުވެފަ އެވެ. މިދިޔަ ދެ ހަފްތާގައި ޕޮސިޓިވްވާ ނަންބަރުތައް ހުރީ 100 އިން ދަށުގަ އެވެ. ކޮވިޑްގެ ކޭސްތައް ރާއްޖޭގައި މިހާރު ވަނީ 10،200 އަށް އަރާފަ އެވެ.