ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލުތަކުން ވެސް ފިޔަވަޅުތަކެއް އަޅަން އަންގައިފި

Jan 9, 2022
2

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތަކުގައި ވެސް އިތުރު ފިޔަވަޅުތަކެއް އަޅައި، ފިޔަވަޅުތަކަށް އަމަލުކުރަން އަންގައިފި އެވެ.

ސްކޫލުތަކުން ފިޔަވަޅުތަކަށް އަމަލުކުރަން ރަސްމީކޮށް ފަށާނީ ސްކޫލުތަކުގެ ފުރަތަމަ ޓާމްގެ ޗުއްޓީ އަށްފަހު ދެވަނަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި މައިގަނޑު ފަސް ކަމަކަށް އަމަލުކުރަން އަންގާފައިވެ އެވެ.

ސާކިއުލާގައި އަމަލުކުރަން އެންގި ކަންކަން

  • ރާއްޖޭން ބޭރުން އަންނަ ދަރިވަރުން އަދި މުވައްޒަފުން ރާއްޖެ އައިސް ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުން.
  • މޮނިޓަރިންގައި އޮތް ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު މާލެ އަތުވެއްޖެނަމަ ގިނަވެގެން ހަތަރު ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުން.
  • ސްކޫލު ތެރޭގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން،
  • ސްކޫލު ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއި ނުހެދުން.
  • ސްކޫލު ތެރޭގައި އެކުލަވާލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަ އަށް ތަންފީޒުކުރުން.

ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު 2020 އަހަރުގެ ތެރޭގައި ސްކޫލުތަކާއި ޔުނިވަސިޓީތަކާއި ކޮލެޖުތަކާއި ޓިއުޝަން ސެންޓަރުތައް ވަނީ އަހަރަކަށް ވުރެ ގިނަ ދުވަހަށް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދީފަ އެވެ.

ސްކޫލުތަކުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާ އަމަލުކުރަން އެންގިއިރު ކޮވިޑްގެ ނުރައްކާ ބޮޑުވުމުން އެޗްޕީއޭ އިން ވެސް މިއަދު ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް، އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށްޓަކައި މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް 396،941 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި 368،047 މީހުން ދެވަނަ ޑޯޒް ޖަހާފައިވާއިރު 27،308 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.

ރާއްޖޭގައި އިއްޔެއާ ހަމައަށް 97،668 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 94،091 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 3،300 ކޭސް އިއްޔެއާ ހަމައަށް ރެކޯޑްކޮށްފައިވާއިރު އިއްޔެ އެކަނިވެސް 337 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެެވެ.