މަޖީދިއްޔާ ސްކޫލުގެ ތެރޭގައި އެ ސްކޫލްގެ ބިދޭސީ މުވައްޒަފަކު ކަރަންޓީނު ކޮށްފި އެވެ.
ކަރަންޓީނު ކޮށްފައި ވަނީ އެ ސްކޫލުގައި ވަޒީފާ އަދާކުރާ ބަނގުލަދޭޝްގެ މުވައްޒަފެކެވެ. އޭނާ ކަރަންޓީނު ކުރީ އަހަރީ ޗުއްޓީއަށް މި އަހަރުގެ ކުރީކޮޅު ބަނގުލަދޭޝްއަށް ދިއުމަށްފަހު ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ނާދެވި އެތައް މަހެއް ވަންދެން ބަނގުލަދޭޝްގައި ހުރުމަށްފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ މާލެ އައުމުންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ކަރަންޓީނު ކޮށްފައި ހުރީ ސްކޫލްގެ ސަލާހުއްދީނު މާލަމް އިމާރާތުގެ ޓެރެސް މަތީގައި ހަދައިފައި ހުރި ކްލާސް ރޫމުތަކުގެ ތެރެއިން ކްލާހެއްގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލޭ ސްކޫލުތަކުގައި ކިޔަވައިދިނުން ވަނީ ހުއްޓާލާފަ އެވެ. ސްކޫލުތަކަކީ އެންމެ ހައިރިސްކް ތަންތަން ކަމަށްވާއިރު، މިފަދަ ތަނެއްގައި މީހަކު ކަރަންޓީނު ކުރީ ކޮން އުސޫލެއްގެ ތެރެއިންތޯ ސުވާލު ކުރުުމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ އެކަން އޮތް ގޮތެއް ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
މިކަމާއި ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއި މަޖީދިއްޔާ ސުކޫލުގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
ކަރަންޓީނު ކުރުމާބެހޭ ގޮތުން އެޗްޕީއޭ އިން ހަދާފައިވާ އުސޫލު ބުނާ ގޮތުން ކަރަންޓީނު ކުރެވޭ އިމާރާތުގެ ބޭރުގައި އެކަން އެނގޭނެ ރަސްމީ ލިޔުމެއް ހަރުކޮށްފައި ހުންނަންޖެހެ އެވެ. އަދި ކަރަންޓީނު ކުރާ އިމާރާތުގެ ތެރޭގައި އުޅޭ މީހުން އެ އިމާރާތުން ބޭރަކަށް އަދި ބޭރުގައި އުޅޭ މީހުން އެ އިމާރާތުގެ އެތެރެއަށް ވަނުމަކީ މަނާ ކަމެކެވެ. މިކަން މިހެން އޮތް ނަމަވެސް މަޖީދިއްޔާގެ މުވައްޒަފުން އެ ސްކޫލަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް މިއަދު ވެސް ނިކުމެފައި ވެއެވެ. އޭގެ ތެރޭގައި އިދާރީ މުވައްޒަފުންނާއި ބައެއް ޓީޗަރުން ހިމެނެއެވެ. މި މުވައްޒަފުންނަށް މަޖީދިއްޔާގައި މީހަކު ކަރަންޓީނު ކޮށްފައި ހުރި ކަން ނޭންގޭ ކަމަށާ އެކަންވަނީ ސިއްރުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ކަރަންޓީނު ކޮށްފައިވާ ބިދޭސީ މަސައްކަތު މީހާ އާއި އެ ސްކޫލުގައި މަސައްކަތް ކުރާ ބަނގުލަދޭޝްގެ އެހެން މީހަކު ބަރާބަރަށް ބައްދަލުވެ ހަދަ އެވެ. ދި ބޭރުން އެ ސްކޫލުގެ ތެރެއަށް ވަންނަ ބަނގުލަދޭޝްގެ ބައެއް މީހުންނާ ވެސް ކަރަންޓީނުގައި ހުރި މީހާ އާ ބައްދަލުވެ އެވެ.