އަފްޣާނިސްތާންގެ ރައީސް މުހައްމަދު އަޝްރަފް ޣަނީ އިސްތިއުފާދެއްވުމަށް ފަހު ގައުމު ދޫކުރައްވައި ތަޖިކިސްތާނަށް ވަޑައިގެންފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަޝްރަފް ޣަނީ ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ އެމެރިކާއާ ނޭޓޯ ބުނާ ގޮތަކަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައި އޮތް ވީޑިއޯއަކުން ޣަނީ މަތިންދާބޯޓަކަށް އަރާވަޑައިގަންނަވާ ތަން ފެނެ އެވެ. އެމަނިކުފާނުގެ ސެކިޔުރިޓީގެ ބެލުމުގެ ދަށުން ވަރަށް އަވަސް އަހަށް ހިންގަވައި ބޯޓަށް އަރާވަޑައިގަންނަވަ އެވެ.
ޚަބަރުތައް ބުނާ ގޮތުން ޣަނީ ވަޑައިގަތީ ތަޖިކިސްތާނަށެވެ. އެހެން ނަމަވެސް ދެން ވަޑައިގަންނަވާ ތަނެއް ނޭނގެ އެވެ. އެމެރިކާއާ ނޭޓޯއިން ޣަނީއާ މެދު އަމަލުކުރާނެ ގޮތެއް މީޑިއާއަށް އެނގިފައި އަދި ނެތެވެ. އެމެރިކާއާ ނޭޓޯގެ ބެލުމުގެ ދަށުން އެހެން ގައުމެއްގައި ބެހެއްޓުން ނުވަތަ ވަޒަންވެރިކުރުވުމަކި ވެސް އެކަށީގެންވާ ކަމެކެވެ.
އަފްޣާން ދޫކުރައްވައި ޣަނީ ވަޑައިގަތީ ތާލިބާނުން ކާބުލް ވަށާލައި ސަރުކާރުގެ އިދާރާތައް ހިސޯރުކުރުމުންނެވެ. އަދި ރިޔާސީ ގަނޑުވަރަށް ވަދެގަނެ ސަރުކާރު ހަވާލުކުރަން ގޮވާލުމުންނެވެ.
ތާލިބާނުން ބުނީ އަފްޣާން ސަރުކާރާއެކު ކުރާނެ މަޝްވަރާއެއް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަދި ގޮވާލާފައި އޮތީ ސުލްހަވެރިކަމާއެކު ބާރުތައް ދޫކޮށްލުމަށެވެ. ސުލްހަވެރި ގޮތުގައި އަފްޣާނުން ފައިބަން އެދޭ ކޮންމެ މީހަކަށް ފުރުސަތު ދޭނެ ކަމަށް ވެސް ތަލިބާނުން އޮތީ ބުނެފަ އެވެ.
ތާލިބާނުންނާ ހަވާލާދީ ރޮއިޓާސް ބުނާ ގޮތުން ސުލްހައަށް ލޯބިކުރާ ބަޔަކަށް އެޖަމާއަތް އަނިޔާވެރިއެއް ނުވާނެ އެވެ. އަދި އާންމުން މިހާރު ވެސް ދިއިރުލެމުންދާ ގޮތަށް އުޅެން ހުރަހެއް ނާޅާނެ އެވެ. އަންހެން ކަނބަލުން ގެއިން ބޭރަށް ނިކުވެ ވަޒީފާ އަދާކޮށް ކިޔަވައި އުޅެންވީ އެވެ. އެކަމަށް އޮތް ޝަރުތަކީ ހިޖާބުއެޅުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތާލިބާނުންނަށް އަފްޣާންގެ އަވަށްތައް ހިފަން އެހާ ފަސޭހަވީ އަފްޣާން ސިފައިން ދެކޮޅު ނުހަދައި އަމާންދިނުމުންނެވެ. ތާލިބާނުން މުޅި އަފްޣާނަށް މިހާރު ވެރިވެގެންފައި ވާއިރު ބޮޑެތި އަވަށްތަކުގައި ވެސް އަފްޣާން ސިފައިން ދެކޮޅު ހަދާފައި ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.