މާފުށީ ޖަލު

މަފުށީ ޖަލުގައި އަލަށް ހެދި މެޑިކަލް ސެންޓަރު ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި އަލަށް ހެދި މެޑިކަލް ސެންޓަރު ހުޅުވައިފި އެވެ.

އެ ސެންޓަރު ހުޅުއްވައިދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމް އެވެ.

ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ހެދި އެ ސެންޓަރަކީ ދެ ފެންގިފިލާގެ އިމާރާތެކެވެ.

މި ސެންޓަރުގައި އޯޕީޑީ ކޮންސަލްޓޭޝަންތަކާއި އެކްސް ރޭ ނެގުމުގެ އިތުރުން ޓެލެ ކޮންސަލްޓޭޝަންގެ ހިދުމަތް ލިބެއެވެ. އަދި ނަފްސާނީ ގޮތުން އެހީތެރިކަންބޭނުންވާ ފަރާތްތަކަށް ކްރައިސިސް ސެންޓަރ އެއްވެސް މި ސެންޓަރުގައި ގާއިމްކޮށްފައި ވެއެވެ.

އޭގެ އިތުރުން ދަތުގެ ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ އާލާތްތައް ވެސް އެ ސެންޓަރުގައި ގާއިމުކޮށްފައި ވެއެވެ. ނަމަވެސް މި ވަގުތު ލެބޯޓަރީ ޓެކްނީޝަނަކާއި ދަތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނެތުމުން މި ހިދުމަތްތައް އަދި ދޭން ފެށޭނީ ފަހުން ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ މި ހުޅުވުނު ސެންޓަރުގެ ސަބަބުން ގައިދީންނަށް ޖަލުގައި ތިބެގެން ގާތުން ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެކަމަށެވެ. އަދި އެމްސީއެސްގެ އޮފިސަރުންކުރާ ހިދުމަތަކީގައުމީ އަދި ވަރަށް މުހިއްމު ހިދުމަތެއްކަމަށާއި ބަލަންވާނީ ޖަލުގައި ތިބި އެންމެންނަކީވެސް މުޖްތަމައަށް ރަނގަޅު ފަރުދުންގެ ގޮތުގައި ވީހާވެސް އަވަހަށް ނެރެވޭނެ ބަޔަކަށް ހެދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.