އަހުމަދު މުހައްމަދު ފުޅު

ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެ ކުރިއަކަށްނުދޭ: ސީޕީ

ކ. މާފުށީ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށް ނުދާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވެފައި މިވަނީ މާފުށީ ޖަލުގެ 11 ވަނަ ޔުނިޓްގައި ތިބި ގައިދީންނަށް ކާން ނުދިނުމާއި އަނިޔާކުރަމުން ގެންދާތީ އެ ޔުނިޓުގައި ތިބި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށްގެންދާ ކަމަށް ދައުރުވަމުންދާ ވާހަކަތަކަށް ޖަވާބުދެއްވަމުންނެވެ.

ސީޕީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގެ ގައިދީންނާ ގުޅޭގޮތުން ދައުރުވަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން އެ ޔުނިޓުގައި އެއްވެސް ގައިދީއަކަށް އަނިޔާކޮށްފައި ނުވާ ކަމަށާއި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށް ނުދާކަން ސީޕީ ކަށަވަރުކޮށްދެއްވި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މާފުށީ ޖަލުގެ 11 ވަނަ ޔުނިޓްގައި ތިބި ގައިދީންނަށް މި މަހުގެ 14 ވަނަ ދުވަހު ކާކަށް ނުދެ އެވެ. މި ޔުނިޓްގައި ބަންދުކޮށްފައި ތިބެނީ ހަރުކަށި ފިކުރުގެ މީހުންނެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުންވެސް ތިބެނީ ހަރުކަށި ފިކުރުގެ މީހުން ތިބޭ މި ޔުނިޓުގަ އެވެ.

އެ މައްސަލައިގެ އިތުރުން ގޮޅިތަކުގައި ގިނަ މައްސަލަތަކެއް ހުރުމުގެ ސަބަބުން އެ ޔުނިޓުގައި ތިބި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރި ކަމަށް މި ތިން މީހުންގެ ތެރޭގައި ހިމެނޭ މާލެ ދަފްތަރު 8499، އަހްމަދު މުއާޒުގެ ގާނޫނީ ވަކީލު އަވަސްއަށް ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން މީގެ ކުރިން އަވަސް އިން ސުވާލުކުރުމުން އެމްސީއެސްގެ ތަރުޖަމާނު އައިމިނަތު ޔުސްރީން އަހްމަދު އަވަސްއަށް ވިދާޅުވީ ޔުނިޓް 11ގައި ކަންބޮޑުވުންތަކެއް ހުރުމުން އެ ކަންކަން ބަލަމުންދާ ކަމަށެވެ.