މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލަށް މަނާތަކެތި ވައްދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަނީ

ރާއްޖޭގެ ޖަލުތަކަށް މަނާ ތަކެތި ވައްދާ މައްސަލަ ބޮޑުވެ އެކަން ހައްލު ކުރަން ގިނަ އޮޕަރޭޝަންތަކެއް ކައިރިކައިރީގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވީ އިއްޔެއާއި ހުސްވި ހަފްތާގައި އައްސޭރިޖަލާއި މާފުށީ ޖަލުގައި ވަނީ ކައިރިކައިރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ. އަދި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގަންފައިވާ ކަމަށެވެ.

ޖަލުތަކަށް މަނާ ތަކެތި ވައްދާ މައްސަލައަށް ދާއިމީ ހައްލު ހޯދެންދެން، އަވަސްއަވަހަށް އޮޕަރޭޝަންތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ޖަލުތަކަށް މަނާ އެއްޗެތި ވައްދާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެކަން ހައްލު ކުރުމަށް އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓް ބަޔަކާއި ވަނީ ހަވާލުކޮށްފަ އެވެ. ސީޕީ ވިދާޅުވީ މި މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެތި އުކާ މައްސަލަ ހައްލުވާނެ ކަމަށެވެ.

މީގެ އިތުރުން ޖަލުތަކަށް ފޯނު ފަދަ އެއްޗެހި ވައްދައިގެން ޖަލުން ބޭރުގައި ތިބޭ މީހުންނާ މުއާމަލާތްކުރާތީ އެކަން ހުއްޓުވުމަށްޓަކައި ޖޭމަރު ހަރުކުރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމަށް އެހީތެރިވާ އޮފިސަރުން ދެނެގަތުމާއި މަނާ ތަކެތި ޖަލަށް ވެއްދުން ހުއްޓުވުމަށްޓަކައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޖަލު ބެލެހެއްޓުން ވަރުގަދަކުރައްވަމުން ގެންދަވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރެއިން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އިދާރީ އެކިއެކި މައްސަލަތަކުގައި މިދިޔަ އަހަރުގެ ނިޔަލަށް 10 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. އޭގެތެރެއިން ގިނައީ ސީދާ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަންތަކަކަށް ފަހު ވަޒީފާ އިން ވަކިކުރި އޮފިސަރުންނެވެ.