މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންގެ ފައިސާ މުއާމަލާތް ބަލަހައްޓަން ނިޒާމެއް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް ) ގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ ފައިސާއާބެހޭ މުއާމަލާތްތައް ފަސޭހަކަމާއެކު ބަލަހައްޓަން އެކަމަށް ހާއްސަ ނިޒާމެއް ތައާރަފްކޮށްފި އެވެ.

ކަރެކްޝަނުން ތައާރަފްކޮށްފައިވަނީ ޕްރިޒަނާ އެކައުންޓްސް މެނޭޖްމަންޓް ސިސްޓަމް (ޕެމްސް) އެވެ. ޕެމްސްއިން، އާއިލާއިން ކޮންމެ މަހަކު ބަނޑޭރި ޕޭ މެދުވެރިކޮށް ކަނޑައެޅިފައިވާ އަދަދަށް ގައިދިންނާއި ބަންދު މީހުންނަށް ފޮނުވާ ފައިސާ ބެލެހެއްޓޭނެ އެވެ. އަދި އެލަވަންސް އުސޫލުން މަސައްކަތްކުރާ ގައިދީންގެ ފައިސާ ވެސް ބެލެހެއްޓޭނެ އެވެ. މީގެ އިތުރުން ގައިދީންނާއި ބަންދުމީހުން ވިޔަފާރި އުސޫލުންކުރާ މުއާމަލާތްތައް މޮނިޓާކުރެވޭނެ އެވެ.

ޕެމްސްއަކީ ޓޯޓަލް އޮފެންޑާ މެނޭޖްމަންޓް ސިސްޓަމް (އެޓަމްސް) ގެ އެކައުންޓްސްތަކާބެހޭ މޮޑިއުލް އެވެ. އެގޮތުން އެޓަމްސް އިން ގައިދީންގެ ހުރިހާ ރެކޯޑްތައް ބަލަހައްޓާއިރު ޕެމްސްއިން ބަލަހައްޓާނީ އެފަރާތްތަކުގެ ފައިސާއާ ބެހޭ ރިކޯޑްތަކެވެ.

މި ސިސްޓަމް މެދުވެރިކޮށް ހުރިހާ ޖަލަކާއި ހެޑް އޮފީސް ގުޅާލާނެ އެވެ. އަދި ޑޭޓާ ބޭސްއަކުން ގައިދީންގެ ރިކޯޑްތައް ބެލެހެއްޓޭނެ އެވެ.

ކަރެކްޝަނުން ބުނެފައިވަނީ ޕެމްސް ސިސްޓަމް އަބަދުވެސް އަޕްޑޭޓް ވަމުންދާނެ ކަމަށާއި މީގެ ސަބަބުން މަސައްކަތްތަކުގެ ފެންވަރު ރަނގަޅުވެ އޮފިސަރުންނާއި މުވައްޒަފުން ޒިންމާދާރުވުން އިތުރުވެގެންދާނެ ކަމަށެވެ.

އެޓަމްސް އާއި ޕެމްސް ފަރުމާކޮށްފައިވަނީ ކަރެކްޝަންސްގެ އައިޓީ ސެކްޝަންގެ ފަންނީ އޮފިސަރުންނާއި މުވައްޒަފުންނެވެ.