މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީން އިޖުތިމާއީ މަސައްކަތަށް، ކަރެކްޝަންގެ ޒިންމާ ބޮޑު

އިޖުތިމާއީ މަސައްކަތަށް ގައިދީން ނެރޭއިރު ކަރެކްޝަނަލް ސާވިސް އިން އަމަލުކުރާނެ ގަވާއިދު އާންކޮށްފި އެވެ.

"ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ނަމުގައި މިއަދު ވަނީ އެ ގަވާއިދު ގެޒެޓްކޮށްފަ އެވެ. ގަވާއިދު ގެޒެޓް ކުރުމާއެކު އެކަން ތަންފީޒުކުރަން ފަށާނެ އެވެ.

ގަވާއިދު ބުނާގޮތުގައި، ކުށެއް ކޮށްގެން މުޖުތަމައަށް ހިދުމަތް ކުރާ އަދަބު ތިން ގޮތަށް ބެހިގެންވެ އެވެ. އެއީ ހަމައެކަނި މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބު، ޖަލު އަދަބަކާ އެކީ މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު އަދި ގޭބަންދާ އެކު މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބެވެ. އެ މަސައްކަތްކޮށްގެން ގައިދީންނަށް އުޖޫރައެއް ނުލިބޭނެ އެވެ.

މީހެއްގެ މައްޗަށް އެފަދަ ހުކުމެއް އަންނަތާ 48 ގަޑިއިރުގެ ތެރޭގައި އެ އަދަބުގެ ބާވަތާއި، އެ މީހެއްގެ އިޖުތިމާއީ ހަވާލަތާއި، އިގުތިސޯދީ ހާލަތަށް ރިއާޔަތްކޮށް، އޭނާގެ ކިބައިގައި ހުރި ހުނަރުތަކާއި އެމީހާގެ ވަށައިގެން ހުރި ކަންކަން ދެނެގަތުމަށް ހާއްސަ އެސެސްމެންޓެއް ކަރެކްޝަނުން ހަދަން ޖެހެ އެވެ. އަދި މި އެސެސްމެންޓް ހަދާތާ 72 ގަޑިއިރުގެ ތެރޭގައި އެމީހަކު އެންމެ އެކަށީގެންވާ އިޖުތިމާއީ ހިދުމަތެއްގެ އަދަބު ތަންފީޒުކުރަން ފަށަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ގަވާއިދު ބުނާގޮތުގައި، އަދަބު ތަންފީޒުކުރާއިރު އެންމެ ފުރަތަމަ ބަލަން ޖެހޭނީ އެމީހަކު ދިރިއުޅޭ ރަށެއްގައި އަދަބު ތަންފީޒުކުރެވޭތޯ އެވެ. އެކަމަކު މަސައްކަތްކުރާ ތަނުގައި ގައިދީއެއްގެ މަސްލަހަތު އޮވެއްޖެނަމަ އެހެން ތަނަކަށް ބަދަލުކުރަންވާނެ އެވެ.

ޖަލު އަދަބާއެކު މުޖުތަމައަށް ހިދުމަތްކުރުމަށް ހުކުމްކޮށްފައިވާ މީހުން އެމީހަކު ބަންދުކޮށްފައި ހުރި ޖަލެއްގައި މަސައްކަތް ކުރެވިދާނެ އެވެ. ގޭބަންދުގައި ހުންނަ މީހަކު، އެމީހަކު މަސައްކަތް ކުރަންޖެހޭ ވަގުތުތަކުގައި ބޭރަށް ނިކުމެވޭނެ ކަމަށް ގަވާއިދު ބުނެ އެވެ.

އެ މީހުން އެ ހުކުމް ތަންފީޒުކުރަމުންދާއިރު ކަރެކްޝަންސް އިން ވަރަށް ރަގަޅަށް ކަންކަން މޮނީޓާކޮށް ބަލަން ވާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. އެގޮތުން ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ގުޅިގެން މި މަސައްކަތަށް ގައިދީން ނެރޭއިރު، އެ އިދާރާތައް މެދުވެރިކޮށް ސީދާ ކަރެކްޝަންސްއަށް ރިޕޯޓުކުރެވޭ ނިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށް ގަވާއިދު ބުނެ އެވެ.

ގައިދީއެއްގެ މައްޗަށް ގާތުން ބެލުމުގެ އަދަބެއް އަދި ޕްރޮބޭޝަން އަދަބެއް ހުކުމްކޮށްފިނަމަ، އެ ގައިދީއެއް މޮނީޓާކުރަން އޮފިސަރެއް ކަނޑައަޅަން ޖެހެ އެވެ. އަދި ގައިދީންގެ ޕްރޮގްރެސް ރިޕޯޓު ކޮންމެ ދުވަހަކު އަޕްޑޭޓުކޮށް، ރެކޯޑުތައް ކަރެކްޝަންސް އިން ރަގަޅަށް ބަލަހައްޓަން ޖެހެ އެވެ.

އިޖުތިމާއީ މަސައްކަތަށް މިވަގުތު ފޮނުވެން އޮތީ ޕީނަލް ކޯޑުގައި އަދަބު ކަނޑައެޅެން ހުރި ކުށްތަށް ކޮށްފައިވާ މީހުން އެކަނި ކަމަށް ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގައި ޖިނާއީ މައްސަލަތަކަށް ބަލާއިރު ކުށްތައް ކަނޑައަޅާފައި ހުންނަނީ ހަމައެކަނި ޕީނަލް ކޯޑުގެ ތެރެއިންނެއް ނޫނެވެ. މިސާލެއްގެ ގޮތުން ސީޕީ ވިދާޅުވެފައި ވަނީ ޓެރަރިޒަމްގެ ކުށްތައް ކަނޑައަޅަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ކުށްތައް ކަނޑައަޅަނީ ކުޑަކުދިންނާ ގުޅޭ ގާނޫނުން ކަމަށެވެ. އެހެންކަމުން އެފަދަ ގާނޫނުތަކުގައި ކަނޑައަޅާފައި ހުރި ކުށްތައް ޕީނަލް ކޯޑުގެ ތެރެއިން އިސްތިސްނާވާ ކަމަށެވެ.

ޖަލު އާބާދީގެ ބޮޑުބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނަށްވާތީ، އެފަދަ މީހުންނަށް ބަލާއިރު އެމީހުންނަށް ކޮމިއުނިޓީ ސެންޓެންސްގައި ފަރުވާ ނުދެވޭނެ ކަމަށް ސީޕީ ވަނީ ފާހަގަކުރައްވާފަ އެވެ. އެމީހުންނަށް ބޭނުންވަނީ ރަގަޅު ފަރުވާގެ ނިޒާމެކެވެ.