ރާއްޖޭގައި ކުށްކުރާ ކުޑަކުދިންގެ އާބާދީ ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެކަން ކުޑަކުދިންނާ ގުޅުންހުރި އިދާރާތަކުން ނެރޭ ތަފާސް ހިސާބުތަކަށް އެކަނި ބަލައިލިޔަސް ވަރަށް ރަގަޅަން އެނގެ އެވެ. ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ ކުދިން އެހާމެ ގިނަ އެވެ. މާރާމާރީތަކާއި ބޮޑެތި ލޭ އޮހޮރުވުންތަކުގައި އިސްކޮށް 18 އަހަރުން ދަށުގެ ކުދިން ޝާމިލްވެ އެވެ. އެކި ސަބަބުތަކާ ގުޅިގެން އެފަދަ ކުދިންނާމެދު އަބަދުވެސް އޮންނަނީ ކޮންމެވެސް އިހުމާލެއް ވެފަ އެވެ. އެއީ އާއިލާއިން ކަމަށް ވިޔަސް އަދި ދައުލަތުގެ ކޮންމެވެސް އިދާރާއަކުން ވިޔަސް މެއެވެ. ކުޑަކުދިންނާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުގައި އެހާމެ މައްސަލަ ބޮޑެވެ. މިހުރިހާ މައްސަލަތަކެއް އެގޮތަށް އޮއްވައި ދެން ފެންނަން މި ފެށީ ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި ކުޑަ ކުދިން، ޖަލުން ނެރެ، ގޭ ބަންދަށް ބަދަލުކުރަމުން އަންނަ ތަނެވެ. އެކުދިންނަށް ލުއިތަކެއް ދެމުން އަންނަ ތަނެވެ.
ތާޒާކޮށް އަޅުގަނޑުމެންގެ ހަނދާނުން ނުފިލާ ދެ މަރަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެ ކުޑަކުދިން ދާދިފަހުން ޖުވެނައިލް ކޯޓުން ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރު މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައި ކުއްޖާ އެވެ. އަނެއް ކުއްޖާ އަކީ މިދިޔަ ޖޫން މަހު މަރާލުމަށްފަހު ފޮށިގަނޑަކަށްލައި އެއްލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާގެ މަރު މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައިވާ ކުއްޖާ އެވެ. މި ދެ ހާދިސާ އަދިވެސް ދިވެހިންގެ ހިތްތަކުގައި ތާޒާކަން މަތީގައި އެބަހުއްޓެވެ. މި ދެ މައްސަލައިގައި 18 އަހަރުން މަތީގެ މީހުން ހައްޔަރު ކުރި ނަމަވެސް މަރާލުމުގެ ދައުވާ އުފުލާފައި ވަނީ 18 އަހަރުން ދަށުގެ ދެ ކުޑަކުދިންނަށެވެ. މި ނޫން ވެސް އެހެން ކުދިން ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ދެން އުފެދޭ ސުވަލީ ޖިނާއީ ބޮޑެތި މައްސަލަތަކެއްގައި ޖިނާއީ ބޮޑު ކުށެއްގެ ދައުވާ އުފުލައި ހައްޔަރު ކޮށްފައި ތިބި ކުދިންތަކެއް ގޭ ބަންދަށް ދޫކޮށްލުމަކީ އެންމެ ރަގަޅު ގޮތާ މެދު އެވެ.
ކުށްކޮށްގެން ބަންދުކުރާ ކުދިންގެ ތެރެއިން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދަނީ ޖިނާއީ ބޮޑެތި ކުށްތަކުގައި ބަންދުކުރާ ކުދިންނެވެ. ދެން ތިބޭ ކުދިން ބަލަހައްޓަނީ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ނުވަތަ ފުލުހުންނެވެ.
މި ކުދިންތައް ގެއަށް ބަދަލު ކުރަން ފަށައިފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނެރުނު ރިޕޯޓަކާއި ގުޅިގެންނެވެ. އައްސޭރި ޖަލުގައި ގާއިމް ކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ އެ ކުދިންނަށް ރައްކާތެރި އަދި ބަންދުގައި އެކުދިން ބައިތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފަ އެވެ. އެކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށާއި އަދި ކަމާ ގުޅުން ހުރި އިދާރާތަކަށް އެންގި އެވެ. އެތަނަކީ ރާއްޖޭގެ ގާނޫނުތަކާއި އަދި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކުޑަކުދިން ބައިތިއްބާ ތަނެއް ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައި ބުނެ އެވެ. އެހެންކަމުން އެކުދިން މިހާރަށްވުރެ ރައްކާތެރި ތަނަކަށް ބަދަލުކުރުމަށް އެ ކޮމިޝަނުން ވަނީ ބާރުއަޅާފަ އެވެ.
އެޗްއާރްސީއެމްގެ އެ ރިޕޯޓްގެ ފައިނަލް ރިޕޯޓް، ކަރެކްޝަނަލް ސާވިސްއާ ހިއްސާކުރީ މިދިޔަ އޯގަސްޓް ފަސްވަނަ ދުވަހު އެވެ. އެކަމަކު އެޗްއާރްސީއެމުން މިއަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު އަލުން އައްސޭރި ޖަލަށް ޒިޔާރަތްކޮށް ކުރިން އިސްލާހުކުރަން އެންގި މައްސަލަތައް އިސްލާހު ކުރި މިންވަރު ބެލި އެވެ. ނަމަވެސް މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ވެސް އެ މައްސަލަތައް އިސްލާހުކޮށްފައި ނުވާ ކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ.
އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަން
- ޖަލުގައި ކުށުގެ ބާވަތަށް ބަލައި ގިންތިކޮށްފައިނުވުން
- ކުޑަކުދިން ބައިތިއްބުމަށް ހާއްސަކޮށްފައިވާ ގޮޅި ހަދާފައިވަނީ ޓިނުން
- ގޮޅީގައި ފަންކާ ހަރުކޮށްފައި ހުރި ނަމަވެސް ޓިނުން ހަދާފައިވާތީ ހޫނުގަވުން
- ގޮޅި ފަރުމާކޮށްފައިވާ ގޮތުން ގޮޅިތެރެ ބަންދު ބޮޑުކަމާއި ދުވާލުގެ ވަގުތުގައި ފޮތެއް ކިޔާލެވޭ ވަރަށް ގުދުރަތީ
- އަލި ނުލިބޭކަން
- ގުދުރަތީ އަލި ނެތުމުން މަސްނޫއީ ގޮތުން ގޮޅިއަށް އަލިކުރުމަށްޓަކައި ބޮކި ދިއްލާފައި ހުރުން
- ޖަލުގައި ކުޑަކުދިން ބޭނުންކުރާ ފާހާނައިގެ ސަފުތާހިރުކަން ކުޑަކަމާއި ތަށިމުށިތައް ހަލާކުވެ ނެއްޓިފައިވުން
- ގޮޅިތަކުގެ ފާހާނައިގެ ސާފުތާހިރުކަން ކުޑަކަމާއި ބަންދު ބޮޑުކަމާއި އަދި ކުދިން ބައިތިއްބާ ގޮޅިތަކުގެ ވައި
- ދައުރުވާ ނިޒާމެއް ނެތްކަން
- ކުޑަކުދިންތިބޭ ގޮޅި ވަކިކޮށްފައިހުރި ނަމަވެސް އެހެން ގޮޅިތަކުން ބާރަށް ދެކެވޭ ވާހަކަތައް ކުދިން ތިބޭ
- ގޮޅިއަށް އަޑުއިވުން
- 18 އަހަރުން ދަށުގެ ކުދިން ކެއުން ހަމަޖެހިފައިވަނީ އެ ކުދިން ތިބޭ ގޮޅީގައިކަން
އެޗްއާރްސީއެމް އިން ކުދިން ބައިތިއްބާފައިވާ ޖަލަށް ރިޔާރަތްކޮށް، ފާހަގަކޮށްފައިވާ ކަންކަމަށް ޖުވެނައިލް ކޯޓުން ވަނީ ކުދިންގެ ބަންދު މުރާޖައާ ކުރިއިރު ރިއާޔަތްކޮށްފަ އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމަށް ވަނީ އިންކާރުކޮށްފަ އެވެ. މި ކުދިންގެ ބަންދު މުރާޖައާ މަޖިލީހުގައި ދައުލަތުގެ ފަރާތުން ވަނީ އެޗްއާރްސީއެމުން އެފަދަ ނިންމުމަކަށް ވާސިލްވެފައިވާ ސަބަބުތައް ބަޔާންކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. އެކުދިން ބަންދުގައި ތިބޭއިރު ލިބެންޖެހޭ އަސާސީ އެއްވެސް ހައްގަކަށް އަސަރުނުކުރާ ކަމަށް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ކުއްޖެއްގެ ހައްގަކަށް އުނިކަމެއް އަންނަނަމަ ކޯޓުން ކަރެކްޝަންސް އަށް އެކަންކަން ރަގަޅު ކުރުމަށް އަމުރުކުރެވޭނެ ކަމަށް ވެސް ދައުލަތުން ދެކެ އެވެ. ނަމަވެސް ތަނުގެ ހާލަތަށް ރިއާޔަތްކޮށް، ޝަރީއަތަށް ވެސް ބުރަވެވުނީ އެކުދިން ގޭ ބަންދަށް ބަދަލުކުރުމަށެވެ.
ބަންދުކުރާ ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ގާނޫނުން ލާޒިމް
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކުށް ކުރާ ކުދިން ބަންދުކޮށްފައި ބޭއްތިއްބުމަށް ހާއްސަ މަރުކަޒުތަކެއް ހެދުމަށް ލާޒިމުކޮށްފައިވެ އެވެ. އަދި އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ މަރުކަޒުތައް ނިންމަންޖެހެ އެވެ. އެފަދަ ޖަލެއް ހެދުމުގެ މަސައްކަތް އައްސޭރި ޖަލު އެތެރޭގައި މިހާރު ދަނީ ކުރަމުންނެވެ.
ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިސްލާހީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކައި، އަންނަނިވި ބާވަތްތަކުގެ މަރުކަޒުތައް ދައުލަތުން ގާއިމުކުރަންވާނެ އެވެ. (ހ) ކުޑަކުދިންގެ ރެސިޑެންޝަލް މަރުކަޒުތައް؛ (ށ) ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް.ކުޑަކުދިންގެ އަދުލުގެ ގާނޫނު | 79 ވަނަ މާއްދާ
ކުޑަކުދިންގެ ރެސިޑެންޝަލް މަރުކަޒުތައް ތިން ބަޔަކަށް ބެހިގެންވެ އެވެ. އެއީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު، ކުޑަކުދިންގެ ޝެލްޓާ ނުވަތަ ހާފްވޭ ހައުސް އަދި ލޯންގް ޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީ އެވެ. އެޗްއާރްސީއެމުން ބުނާ ގޮތުގައި މިހާރުގެ ހާލަތަކީ ހުރިހާ ކުދިން މަސްހުނިކޮށްފައި އޮތުމެވެ. މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އެކޮމިޝަންގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރުން ފެށެގެން އައްސޭރި ޖަލުގައި ކުޑަކުދިން ބައިތިއްބާފައި ތިބެނީ ކުރިން ކުދަނެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގަ އެވެ. ތަނުގެ ހާލަތު އެހާ ގޯސްވެފައި އޮތް އިރު މި ހުރިހާ ދުވަހަކު އެއްވެސް މީހަކަށް އެކަން ފާހަގައެއް ނުކުރެވެ އެވެ. އެއް ވެރިކަން ނިމި އަނެއް ވެރިކަން ދެ ބައި ވަނީ އެވެ. މި ގާނޫނު ތަންފީޒުކުރަން ފެށުމާއި އެކީ ކްރެކްޝަންސް އިން ކުޑަކުދިންނަށް ހާއްސަ މަރުކަޒެއް އެޅުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް އަދި ވެސް ނިމޭ ގޮތެއް ނުވެ އެވެ.
ކަރެކްޝަންސްއަށް ގޯސްވީ އެޗްއާރްސީއެމް
ބައެއްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ ކުދިންތަކެއް ކުއްލިއަކަށް ގޭ ބަންދަށް ބަދަލުކުރަން ފެށުމުން އެތައް ބައެއްގެ ބަހުގެ ހަމަލާތައް ޖުވެނައިލް ކޯޓަށާއި އަދި ކަރެކްޝަނަލް ސާވިސްއަށް އަމާޒުވި އެވެ. އެފަދަ ޒިންމާދާރު ކުޑަ ގޮތަކަށް ކުޑަކުދިންތަކެއް ގެންގުޅޭތީ އާއި އަދި މީހުން މެރުމުގެ ތުހުމަތު އޮތް ކުދިންތަކެއްގެ ބަންދަށް ލުއި ދިނުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
މި މައްސަލައިގައި ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އަހުމަދު ފުޅު ވަނީ އެޗްއާރްސީއެމް އިން ކަންކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ފުރަތަމަ ކަމަކަށް ފާހަގަކުރައްވާފައި ވަނީ އެ ރިޕޯޓު އެކުލަވައިލިއިރު އެ ސާވިސްއަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތާއި ފުުރުސަތު ނުދިނުމެވެ. އެ ފުރުސަތު ދިން ނަމަ ކޮންމެވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސީޕީ ގަބޫލުކުރައްވަ އެވެ.
ދެވަނަ ކަމަކަށް، އެޗްއާރްސީއެމުން ހާމަކޮށްފައިވާ ޖަލުގެ ހާލަތާ ގުޅޭ މައުލޫމާތުތައް ހޯދި ގޮތަކާމެދު ސީޕީ ވަނީ ސުވާލު އުފައްދައިފަ އެވެ. އެތަނަކީ ކުރިން އެހެން ބޭނުމަކަށް ބޭނުންކުރި އިމާރާތެއް ކަމުން މައްސަލަ ހުންނާނެ ކަމަށް ސީޕީ ވެސް އަމިއްލަފުޅަށް ގަބޫލުކުރެއްވި އެވެ. ނަމަވެސް މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށް ދެކިވަޑައެއް ނުގަންނަވަ އެވެ. އައްސޭރި ޖަލުގައި ކުޑަކުދިން ތިބޭ ތަނަކީ ކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަން ކޯޓަށް ފެނިގެން ޖަލުގައި ތިބޭ ކުދިން ދޫކޮށްލި ނަމަވެސް، އެއީ ކަރެކްޝަންސްގެ އިހްމާލެއް އޮވެގެން ހިނގާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ސީޕީ ވިދާޅުވެފައިވެ އެވެ.
ސީޕީ ވިދާޅުވެފައި ވަނީ ޖަލުތަކާ ގުޅޭ ގޮތުން އެޗްއާރްސީއެމް ފަދަ އިދާރާ އަކުން ރިޕޯޓެއް ފައިނަލް ކުރާއިރު ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލައި އެފަދަ ރިޕޯޓަކާ ގުޅިގެން ނިކުމެދާނެ ނުރަނގަޅު ނަތީޖާތަކާ މެދު ވެސް ވިސްނަން ވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކަށް ވެސް ރިއާޔަތްކުރަން ވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ ތިން މަސްތެރޭ އެއީ އެޗްއާރްސީއެމުން ކިިހިނެއް ހޯދި މައުލޫމާތެއް ކަމެއް. ކޮވިޑްގެ ހާލަތު އައްސޭރި ޖަލުގައި ގޯސްވެގެންނާއި ކޮވިޑާ ގުޅިގެން ހިންމަފުށި ދޭތެރެއަކުން ބަންދުކުރާތީ ކުޑަ ކުދިން ބައިތިއްބަން ގާނޫނު ލާޒިމުކުރާ ތަނުގެ މަސައްކަތް ނިންމުމަށް އަޅުގަނޑުމެންނަށް ވެސް ގޮންޖެހުންތަކަކާ ދަތިތަކެއް ކުރިމަތިވި. އެ މައުލޫމާތުތައް އެޗްއާރްސީއެމް ހިމެނޭ ގޮތަށް ކަމާ ގުޅޭ އިދާރާތަކާ އަޅުގަނޑުމެން ހިއްސާކުރަން،" ސީޕީ ވިދާޅުވި އެވެ.
އައްސޭރި ޖަލުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާ ތަނުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ގިނަ ވެގެން އެއް މަސް ތެރޭގައި އެ ތަން ނިންމާލެވޭނެ ކަމަށް ސީޕީ ގަބޫލުކުރައްވަ އެވެ. މިހާރު މައިގަނޑު ގޮތެއްގައި ކުރެވެމުންދަނީ އެ ތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތެވެ. އަލަށް ހަދާ ތަނުގައި އެއްފަހަރާ 16 ކުދިންނަށް ތިބެވޭނެ އެވެ.
"އަޅުގަނޑުމެން މިތަން ހަދާކަން ވެސް އެ ބޭފުޅުންނަށް [އެޗްއާރްސީމް] އަށް އެނގިވަޑައިގަންނަވާނެ. ކުދިން މިހާރު ތިބި ތަނުން އެހެން ތަނަކަށް ބަދަލުކުރަން މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޗްއާރްސީއެމުން އެބައޮތް 30 ދުވަސް ދީފައި. އަދި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމަށް ކޮމިޝަނުން އެދިފައި އެބައޮތް. އެ ބޭފުޅުން އެންގެވި ތާރީހަށް އަޅުގަނޑުމެން ވާނީ އެ ޕްލޭން ވެސް ހިއްސާކޮށްފައި. އަޅުގަނޑުމެންގެ ވިސްނުމަކީ އަލަށް ހަދާ ތަން ނިމޭތީ ކުދިން އެ ތަނަށް ބަދަލުކުރުން. އެހެންވެ ކުދިން ބަދަލުކުރަން ކޮމިޝަނުން ދީފައިވާ 30 ދުވަސް މިމަހަށް ހަމަވާތީ އަދި އެކަމަށް އިތުރު ވަގުތުކޮޅެއް ދިނުމަށްވެސް އަޅުގަނޑުމެން ވާނީ ލިޔުމަކުން އެދިފައި. އަދި ޖަވާބެއް ނުލިބޭ،" ސީޕީ ވިދާޅުވި އެވެ.
މިފަދަ ކުދިންނަށް ލުއި ދިނުމުން ދެން ނިކުންނާނީ ކޮން ނަތީޖާއެއް؟
ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ މީހުން އަދި ކުދިންވެސް ވަށައިގެންވާ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ގިނަ ފަހަރަށް ޝަރީއަތް ނިމެންދެން ބަންދުކުރެ އެވެ. ސަބަބަކީ މިފަދަ މައްސަލަތަކުގައި ހައްޔަރަށް ގެންނަ މީހުންނަކީ ގިނަ ފަހަރަށް ކުށުގެ ވެށީގައި އުޅޭ މީހުން / ކުދިންނަށް ވެފައި، އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތުމުންނެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލް އޮތުމާއި އެކަށީގެންވާ ވަރަށް ކުށުގެ އަމަލު ހިންގާފައިވާ ކަމަށް ހެކި ލިބިފައި ވުމެވެ. އެހެންކަމުން ބަންދަށް ލުޔެއް ދީފިނަމަ ނުވަތަ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލުވެސް އޮތަތީ އެވެ.
ޖުވެނައިލް ކޯޓުން މިފަދަ ކުދިން ގޭ ބަންދަށް ބަދަލުކުރަނީ ވަރުގަދަ ޝަރުތުތަކަކާ އެކީ އެވެ. އެކުދިންނަށް މުވާސަލާތީ އެއްވެސް ހިދުމަތެއް ބޭނުންކުރުން މަނަލެވެ. އެ ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މީހުން ގެއަށް ވެއްދުން މަނަލެވެ. ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، ކޯޓަށް އެންގުމަށްފަހު ބެލެނިވެރިއަކާއެކު މެނުވީ ގެއިން ބޭރަކަށް ނުނިކުމެވެ އެވެ. މައްސަލައާއި ގުޅުންހުރި އެއްވެސް ފަރާތަކާ އެއްވެސް ބާވަތެއްގެ މުޢާލަމާތެއް ކުރުން މަނަލެވެ. އެކަމަކު އެކަން މޮނީޓާކޮށް ބަލަހައްޓަނީ ކާކު ހެއްޔެވެ؟
"މި ކުއްޖާ އަކީ ޖިނާއީ ބޮޑު ކުށެއް ކޮށްގެން ބަންދުކޮށްފައި ހުރި ކުއްޖެއް. ކުށުގެ ވެށިން އަންނަ ކުދިން ޖަލުތެރެއިން ވެސް ކަނެކްޝަންތައް ބާއްވާނެ ބޭރުގެ މީހުންނާ. އެއީ އާންމު ކަމެއް. ދެން އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ ގެއަށް ބަދަލުކުރީމަ އަދި މާ ފަސޭހަވާނެހެން އެފަދަ ގުޅުންތައް ބާއްވަން. އެހެންވީމަ ކިތަންމެ ބައިވަރު ޝަރުތުތަކެއް ކުރިޔަސް ހެއްކައް ނުފޫޒު ފޯރުވުމުގެ ވެސް އަދި އެފަދަ އަމަލެއް ނުވަތަ ކުށެއް ތަކުރާރުވުން ވެސް އެކަށީގެންވޭ. އެ ގެއަށް އޭނާ އާ ބައްދަލުކުރަން ވެސް މީހުންނަށް ވަދެވޭނެ ދެއްތޯ؟ މޮނީޓަރިން ސިސްޓަމްތަކަކަށް ނުބެލޭ. އެއީ ކުރިންވެސް އަދި މިހާރު ވެސް ވާ ކަމެއް ނޫން. އެހެންވީމަ ހުރިހާ ކޮޅަކުން ވެސް ނުރައްކާ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ކަން މިހެން އޮތް އިރު ހަމަ އެންމެ ކޯލަކުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިވާލް އެބައޮތެވެ. މި މައްސަލަ އާއި ގުޅުން ހުރި މީހުންނާ މުއާމަލާތް ވެސް ކުރެވޭނެ އެވެ. ކުދިންގެ އަމަލުތަކަށް ފާރަވެރިވާނެ ހަރުދަނާ ނިޒާމެއް ނެތެވެ. ބަލަހައްޓާނެ ބަޔަކު ވެސް ނެތެވެ. ކުދިން ޖަލުގައި އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުގެ ބެލުމުގެ ދަށުގައި ތިބޭއިރު ވެސް ބޮޑެތި ކަންކަން ހިންގަ އެވެ. އެތަންތަނުގައި ވެސް ކުދިންގެ ހަރަކާތްތަކަކަށް ފާރަވެރިއެއް ނުވެ އެވެ. ކަމެއް ދިމާވެއްޖެ ނަމަ ހަދާނެ ގޮތެއް ވެސް ނޭންގެ އެވެ. ގާނޫނެއް ވެސް ނޭންގެ އެވެ.
އެކަމަކު ވަށައިގެންވާ ހުރިހާ ކަމަކަށް ރިއާޔަތްކޮށް އަދި ގާނޫނުން ލާޒިމް ކުރާ ކަންކަމަށް ރިއާޔަތްކޮށް މިހާލަތުގައި ކޯޓަށް ވެސް އެކުދިން ގެއަށް ބަދަލުކުރުން ނޫން އެހެން ގޮތެއް ނެތީ އެވެ. އެޗްއާރްސީއެމް އާއި ކަރެކްޝަނަލް ސާވިސްއާ ދެމެދު އޮތް ދެބަސްވުމުގެ ތެރެއިން ހީނުކުރާފަދަ ނަތީޖާއެއް ނިކުމެދާނެ އެވެ. މިއީ ތަކުރާރުކޮށް ވިސްނަން ޖެހޭ ބޮޑު މައްސަލައެކެވެ. ޖަލުގެ ހާލަތު ގޯސްވެ ގޭބަންދަށް ބޮޑެތި ކުށްތަކުގެ ތުހުމަތުވާ ކުދިން ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ އެއީ ހައްލެއް ވެސް ނޫނެވެ.