އިމްރާން އަބްދުﷲ

ޖަލު ރިހިބިލިޓޭޝަން މިއަހަރު ފަށާނެ

މަސްތުވާތަކެއްޗާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބި މީހުން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުން ރިހިބިލިޓޭޓް ކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

މިހާތަނަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ނުހިންގި އޮތްކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ފައްޓަވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އެކަން އެގޮތަށް ނުފެށި އޮތީ ކޮވިޑް-19 އާއި ގުޅިގެން ކަމަށެވެ.

ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި އަދި ލަސްތަކެއް ވެފައިވާކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް ހާލަތު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން ދިޔައީ އެކަން އަވަހަށް ފެށުމަށް. ކޮވިޑްގެ ދަތިކަމާ ހުރެ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ގަބޫލުކުރަން. އަދި އެކަމަށް ލަސްވުންތަކެއް އައިސްފިކަމަށް ވެސް ގަބޫލުކުރަން. އެހެންނަމަވެސް ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ދިނުމުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ކުރެވިފަ،" އިމްރާން ވިދާޅުވެފަ އެވެ.

ޓެރަރިޒަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މުޅިންވެސް ހައްޔަރުކޮށްފައި ވަނީ ސިޔާސީ ބޭފުޅުން ކަމަށެވެ. ނަމަވެސް މި ސަރުކާރު އައިފަހުން އެ ގާނޫނުގެ ދަށުން 48 މީހަކު ހައްޔަރުކޮށް 33 މީހެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންނާއި ހަރުކަށި ފިކުރު ފަތުރާ މީހުން ވެސް ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުޖުތަމައުގައި އޮތް އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް ހިންގައި، މި ތިން އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި މިހާތަނަށް އެކި އޮޕަރޭޝަންތަކުގައި 973 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި ފާޅުކަންބޮޑު ގޮތެއްގައި އެތަކެތި ނައްތާލުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް އިންފްރާސްޓްރަކްޗާގެ ދެ މަޝްރޫއެއް މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ. އެއީ މާފުށީ ޖަލުގައި އަދި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގަ އެވެ.

މި ޖަލުތަކުގައި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް އިމާރާތްތަކެއްގެ މަސައްކަތް ކުރަމުން އަންނައިރު، އެތަންތަން ނިމުމުން ޖަލު އާބާދީގެ 50 ޕަސެންޓް މީހުންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމްތައް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިނުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ އެކީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޖަލުތަކުގެ ރިހިބިލިޓޭޝަން ޕްރޮގްރާމު ހަރުދަނާކޮށް ގައިދީން މުޖުތަމައަށް ނުކުންނައިރު ބޭނުންތެރި ބަޔަކަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ޖަލުގައި ރިހިބިލިޓޭޝަން ކޮމާންޑް އުފައްދާ އެ ކޮމާންޑަށް މުވައްޒަފުން ހޯދައި ތަމްރީން ކުރަމުންދާ ކަމަށް މިނިސްޓަރު އިމްރާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރިހިބިލިޓޭޝަން ކޮމާންޑުން ކުރާނެ މައިގަނޑު މަސައްކަތަކީ ޖަލުގައި ކުރިއަށް ގެންދާ ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ރާވާ ހިންގުމާއި ހަރުދަނާ ކުރުމެވެ.