އިމްރާން އަބްދުﷲ

ކުށްކުރާ މީހުން ގިނަ، ހައްލު ހޯދަންޖެހޭ: އިމްރާން

ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަ ކަމަށާއި އެއީ ދައުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމަންޓަކީ ރާއްޖެއަށް އެންމެ މުހިއްމު އަދި ވަރަށް ބޭނުންތެރި ދާއިރާއެއް ކަމަށެވެ. ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސް އިން ބެލެހެއްޓުމަށްފަހު، މުޖުތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މަސައްކަތުގައި ކަރެކްޝަނަލް މެނޭޖްމަންޓް ކޯހަކީ އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ އެއީ ދައުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ކުރުމަށް ތިބީ އެމްސީއެސްގެ އެންމެ މަތިން ފެށިގެން މަސައްކަތްކުރާ މުވައްޒަފުން ކަމުގައި ވިދާޅުވި އެވެ.

"މި ކޯހުގެ ކުރީގެ ދެ ބެޗާއަޅާ ބަލާއިރު މި ބެޗްގެ ދަސްވެނިން ވަރަށް ބޮޑަށް ވަނީ އިތުރުވެފައި. ކޯސްތަކުގައި ބައިވެރިވާ ދަރިވަރުން ކޯސް ފުރިހަމަކުރާ ނިސްބަތް 80 އިންސައްތަ އިތުރުކުރުމަށް މަސައްކަތްކުރަން ޖެހޭ." މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ކޮވިޑްގެ ހާލަތުގައިވެސް ކޯހުގެ މުއްދަތުގައި މި ކޯސް ނިންމާފައިވާ ކަމަށެވެ. މުއައްސަސާއެއްގެ ހަޔާތުގައި އެ މުއައްސަސާގެ ކެޕޭސިޓީއަށް ބަލާއިރު، އިލްމީ، ހުނަރުވެރި ބަޔަކު ތިބުމަކީ އެ މުއައްސަސާއަކަށް އަބަދުވެސް ދިރުން ލިބިގެންދާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެމްސީއެސްގެ އަމާޒަކީ ހަރުދަނާ އެޑިއުކޭޝަނަލް ޕޮލިސީއެއް ތަންފީޒުކޮށް، 2025 ވަނަ އަހަރާ ހަމައަށް 50-60 އިންސައްތަ ގްރޭޖުއޭޓުންނަށް އިތުރުކުރުން،" ސީޕީ ވިދާޅުވި އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. މި ކޯހުގެ ތިންވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަކޮށް 28 އޮފިސަރުން ބައިވެރިވެފައިވާއިރު، މި ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 14 އޮފިސަރުންނެވެ.