މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ ދަސްވެނިވުން ބާއްވައިފި

ޕްރިޒަން އޮފިސަރުނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ ތިންވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި އެވެ.

މި ކޯސް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ކޯހުގެ ތިންވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަކޮށް 28 އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މި ކޯސް ފުރިހަމަކޮށްފައިވަނީ 14 އޮފިސަރުންނެވެ.

ކަރެކްޝަނުން ބުނީ މި ކޯސް ފަރުމާކޮށްފައިވަނީ އެ މުއައްސަސާގެ މަސައްކަތްތަކަށް ހާއްސަކޮށްގެން ކަމަށެވެ. ކޯހުގެ މައިގަނޑު މަގުސަދަކީ ޕްރިޒަން އޮފިސަރުންނަކީ ތައުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ގާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށެވެ.

ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ކަރެކްޝަންގެ މުވައްޒަފުންނަށް 23 ކޯހެއް ހިންގައި، 360 މުވައްޒަފުންނަށް ފުރުސަތުދީ، އޭގެ ތެރެއިން 138 މުވައްޒަފުން ކޯސްތައް ފުރިހަމަކޮށްފައިވެ އެވެ. އަދި މިހާރުވެސް 28 ޕަސެންޓް ގްރެޖުއޭޓުންނާއި އެކި ސެޓްފިކެޓްގެ އެކި ލެވެލް ހަދާފައިވާ 62 ޕަސެންޓް މުވައްޒަފުންނާއި 10 ޕަސެންޓް އޯލެވެލް ފެންވަރުގެ މުވައްޒަފުން ކަރެންޝަނުގައި މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ރޭ ގުރެޖުއޭޓްވި އޮފިސަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ފަހެއްގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބޭނެ އެވެ. މި ކޯހުގައި ކިޔަވައިދެއްވާފައިވަނީ ކަރެކްޝަނަލް މެނޭޖްމަންޓްގެ އެކި ދާއިރާތަކުން ޑިގްރީ ފެންވަރަށް ވުރެ މަތިން ތައުލީމު ހާސިލްކޮށްފައިވާ އައިކޯސްޓްގެ ލެކްޗަރާއިންނާއި އެމްސީއެސްގެ މުވައްޒަފުންނެވެ.