މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ ޑްރަގު ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ފުރަތަމަ ޕްރޮގްރާމު ނިންމި 32 ގައިދީއަކު އާއިލާތަަކާ ހަވާލުކޮށްފި އެވެ.
ޖަލުތަކުގައި މަސްތުވާތަކެއްޗަށް ހާއްސަކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމެއް މީގެކުރިން ހިންގާފައެއް ނުވެ އެވެ. އިއްޔެ އާއިލާތަކާ ހަވާލުކުރި ގައިދީންނަކީ މިއަހަރުގެ މާޗް މަހު ފެށި ފުރަތަމަ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ބައިވެރިންނެވެ.
ގައިދީން އިއްޔެ ދޫކޮށްލުމުގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވަނީ ގައިދީންނާ ބައްދަލުކުރައްވާފަ އެވެ. ނަމޫނާ ބައެއްގެ ގޮތުގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް މިނިސްޓަރު ވަނީ ގައިދީންނަށް ނަސޭހަތްތެރިވެ ހިތްވަރު ދެއްވާފަ އެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރި ގައިދީން މުޖުތަމައަށް އަނބުރާ ދޫކޮށްލުމަކީ މަސްތުވާތަކެތީގެ ވަބާ އިން މުޖުތަމައު ސަލާމަތްކުރުމަށް އެޅުނު އުސް ފިޔަވަޅެއް ކަމަށެވެ.
ގައިދީން ދޫކޮށްލި ނަމަވެސް އެއް އަހަރު ވަންދެން އެމީހުންގެ ހަރަކާތްތައް ވަރަށް ގާތުން ބަލައި މޮނިޓާ ކުރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.
ޖަލުގައި ތިބޭ ގައިދީންގެ ތެރެއިން 70 ޕަސަންޓް ގައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ގައިދީން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި އެމީހުންނަށް ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ޑިޓޮކްސް މަރުހަލާގެ އިތުރުން ދީނީ ބައެއް ކަންކަން އޮޅުންފިލުވައިދީ އަދި ތަފާތު ހުނަރުތައް ދަސްކޮށްދީ ތައުލީމީ މަރުހަލާއެއް ވެސް ކުރިއަށް ގެންދެ އެވެ.