އިމްރާން އަބްދުﷲ

ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވެނީ ބަޖެޓު ނެތުމުން

ކުށްވެރިން އަނބުރާ މުޖުތަމައަށް ނެރުމަށް ބޭނުންވާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވެނީ ބަޖެޓުގެ ނެތުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ ސިސްޓަމްގެ ތެރެއިން ކުށްވެރިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ފުރުސަތު ނެތް ކަމަށެވެ. މިކަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި އިމްރާން ފާހަގަކުރެއްވީ ރާއްޖޭގައި އިންޑަސްޓްރިއަލް ޕްރިޒަންސް އެޅުމެވެ.

އިންޑަސްޓްރިއަލް ޕްރިޒަންސް ނުވަތަ ހުކުމުގެ މުއްދަތުގައި ވަކި ތަނެއްގައި ކުށްވެރިން ބައިތިއްބާ އާމްދަނީ ލިބޭނެ މަސައްކަތްތަކެއް ކުރުވައިގެން މުޖުތަމައަށް ނުކުންނަ ބަޔަކަށް އެމީހުން ހެދިއްޖެ ނަމަ ކުށް ތަކުރާރުކޮށް އަނބުރާ ބަންދަށް ދާ މީހުންގެ އަދަދު ދަށް ވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އިންޑަސްޓްރިއަލް ޕްރިޒަންސްގެ ކޮންސެޕްޓް ޑިޒައިންކޮށް ނިމިފައިވާ ކަމަށާއި އެމަސައްކަތް ނުފެށި ލަސްވަނީ ބަޖެޓުގެ ދަތި ކަމުގެ ސަބަބުން ކަމަށެވެ.

އިންޑަސްޓްރިއަލް ޕްރިޒަންސް ވުޖޫދަށް ގެނެވިއްޖެ ނަމަ 500-600 ދެމެދުގެ އަދަދެއްގެ ގައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގޭނެ ކަމަށާއި ހާއްސަކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމައަށް ނެރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އާބާދީގެ ނިސްބަތުން ދުނިޔޭގައި ހަތަރުވަނައަށް ބަންދު މީހުން އެންމެ ގިނަ ގައުމަކީ ރާއްޖެކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

"ދުނިޔޭގައި ހަތަރުވަނައަށް ބަންދު މީހުން އެންމެ ގިނަ ގައުމަކީ ރާއްޖެ. އާބާދީގެ ނިސްބަތުން ހަތަރު ވަނައަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ފާހަގަ ކުރެއްވި ގޮތުގައި ގާތްގަނޑަކަށް 2،000 އާއި ކައިރި ކުރާ އަދަދަކަށް މީހުން ޖަލުގައި ދައުރުކުރެ އެވެ. މީގެ ތެރެއިން 60 އިންސައްތަ އާއި 70 އިންސައްތަ އާއި ދޭތެރޭގެ އަދަދެއްގެ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ކަމަށްވެސް ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުން ކުރާ އުމުރުން ދުވަސްވީ މީހުން ގިނަވާކަންވެސް ހޯމް މިނިސްޓަރު އިމްރާން ވަނީ ފާހަގަ ކުރައްވާފަ އެވެ. އިމްރާން ވިދާޅުވީ އުމުރުން 60 އަހަރުގެ މީހުންވެސް މި ވަބައިގައި ޖެހިގެން ޖަލަށް ގެންދާ ކަމަށެވެ.

ޖަލުގެ އިންފްރާސްޓްރަކްޗާ ހުރިގޮތުން މަސްތުވާތަކެތީގައި ހައްޔަރު ކުރެވޭ މީހުން ރަނގަޅަށް ރިހެބިލިޓޭޓް ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރެވިފައި ނެތްކަން އިމްރާން ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ. އަދި މިހާރަށްވުރެ ތަނަވަސް ފަސޭހަ ޖާގައެއް ހަދައިގެން މި މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.