ޖަލުތަކަށް ފޯނު ފަދަ އެއްޗެހި ވައްދައިގެން ޖަލުން ބޭރުގައި ތިބޭ މީހުންނާ މުއާމަލާތްކުރާތީ އެކަން ހުއްޓުވުމަށްޓަކައި ޖޭމަރު ހަރުކުރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ވިދާޅުވީ ޖަލަށް ފޯނުފަދަ ތަކެތި ވައްދާ ގޮތްތައް ދެނެގަނެ އެކަން ހައްލުކުރަން އަބަދުވެސް ފިޔަވަޅު އަޅާ ކަމަށެވެ. ނަމަވެސް ފިޔަވަޅު އަޅައިފިއްޔާ އެހެން ގޮތްގޮތް ހޯދައިގެން އެފަދަ ތަކެތި ވައްދާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ސީޕީ ވިދާޅުވީ މާފުށީ ޖަލަށް ޑްރޯން ބޭނުންކޮށްގެން މޯބައިލް ފޯނު އެތެރެކުރަން މަސައްކަތް ކުރި ކުރުމެވެ. އެހެންކަމުން ޖަލުތަކުގައި ޓެކްނޮލޮޖީ ނެޓްވޯކް ޑައުންގްރޭޑް ކުރެވޭނެ ގޮތްތައް ހޯދުމަށް ޓެކްނިކަލް މީހުންނާ އެކީ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އޮފިސަރުންނާއި މުވައްޒަފުންނަށް އެކަނި ބޭނުންކުރެވޭ ނެޓްވޯކެއް ގާއިމްކުރެވޭނެ ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ޖަލަށް އެއްޗެތި ވެއްދުން ހުއްޓުވުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތަކުގައި މަސައްކަތްކުރާ ބައެއް އޮފިސަރުން ވެސް އެކަމުގައި ބައިވެރިވާތީ ކަން ސީޕީ ވަނީ ފާހަގަކުރައްވާފަ އެވެ.
"އަޅުގަނޑުމެން ހުރިހާ އެކްސެސްތަކެއް ކަނޑާލީމަ އެނޫން އެހެން ގޮތްގޮތް އެމީހުން އެބަ ހޯދާ. އަބަދުވެސް އެކަން ކުރަން ބޭނުންވާ މީހުން އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކަށް ދަނީ ފާރަވެރިވަމުން. އަޅުގަނޑުމެން ފިޔަވަޅު އެޅީމަ އެކަން ނޫން އެހެން ގޮތް ގޮތް ހޯދާތީ އެކަލަ ކަންކަން ދިމާވާތީ ހައްލުނުވެގެން މިއުޅެނީ،"
ސީޕީ ވިދާޅުވީ ޖަލަށް އެންމެ އާންމުކޮށް ވައްދަނީ މަސްތުވާތަކެއްޗާއި ފޯނު އަދި ފޯނާ ގުޅުންހުރި އެއްޗެތި ކަމަށެވެ. ގިނަ ފަހަރަށް އަތުލައިގަނެވޭނީ ވެސް އެތަކެތި ކަމަށް ވިދާޅުވި އެވެ.
ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމަށް އެހީތެރިވާ އޮފިސަރުން ދެނެގަތުމާއި މަނާ ތަކެތި ޖަލަށް ވެއްދުން ހުއްޓުވުމަށްޓަކައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޖަލު ބެލެހެއްޓުން ވަރުގަދަކުރައްވަމުން ގެންދަވާ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ. އެ މަސައްކަތުގެ ތެރެއިން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އިދާރީ އެކިއެކި މައްސަލަތަކުގައި މިދިޔަ އަހަރުގެ ނިޔަލަށް 10 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ގިނަ މީހުންނަކީ ސީދާ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަންތަކަކަށް ފަހު ވަޒީފާ އިން ވަކިކުރި އޮފިސަރުންނެވެ.