އަހުމަދު މުހައްމަދު ފުޅު

އިޖުތިމާއީ މަސައްކަތަށް ނެރުމުގެ އަދަބު ތަންފީޒުކުރަން ފަށަނީ

އިޖުތިމާއީ މަސައްކަތަށް ގައިދީން ނެރުމަށްޓަކައި ހޯމް މިނިސްޓްރީއާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އަހްމަދު ވިދާޅުވީ އަދަބެއްގެ ގޮތުގައި އިޖުތީމާއީ ހިދުމަތަށް ނެރުން ނުވަތަ ކޮމިއުނިޓީ ސާވިސް ސެންޓެންސް ތަންފީޒުކުރުމަށް މިވަގުތަށް ދަތިތަކެއް ހުރި ނަމަވެސް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ސީޕީ އަހްމަދު ވިދާޅުވީ ކުދި ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ކޮމިއުނިޓީ ސާވިސްއަށް ދޫކޮށްލެވޭ ގޮތަށް ގާނޫނުލްއުގޫބާތުގެ ދަށުން ސުޕްރީމް ކޯޓުން މިހާރު އެކުލަވާލާފައިވާ 'ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު' އަށް ރިއާޔަތްކޮށް އަދަބު ތަންފީޒު ކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އުސޫލުގެ ދަށުން ކަމާ ގުޅޭ އިދާރާތަކުން ކުރާ މަސައްކަތްތަކުގައި ގައިދީންގެ ހުކުމް، ކޮމިއުނިޓީ ސާވިސް ސެންޓެންސްގެ ގޮތުގައި ތަންފީޒު ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށްޓަކައި އަޅުގަނޑުމެން އިދާރާތަކާ ވާހަކަދައްކާނަން،" ސީޕީ ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ އެގޮތަށް އަމަލުކުރަން ފެށި ނަމަވެސް ރާއްޖޭގައި ޖިނާއީ މައްސަލަތަކަށް ބަލާއިރު ކުށްތައް ކަނޑައަޅާފައި ހުންނަނީ ހަމައެކަނި ޕީނަލް ކޯޑުގެ ތެރެއިން ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ ޓެރަރިޒަމްގެ ކުށްތައް ކަނޑައަޅަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ކުށްތައް ކަނޑައަޅަނީ ކުޑަކުދިންނާ ގުޅޭ ގާނޫނުން ކަމަށެވެ. އެހެންކަމުން އެފަދަ ގާނޫނުތަކުގައި ކަނޑައަޅާފައި ހުރި ކުށްތައް ޕީނަލް ކޯޑުގެ ތެރެއިން އިސްތިސްނާވާ ކަމަށެވެ.

ކޮމިއުނިޓީ ސެންޓެންސަށް މިވަގުތު ފޮނުވެން އޮތީ ޕީނަލް ކޯޑުގައި އަދަބު ކަނޑައެޅެން ހުރި ކުށްތަށް ކޮށްފައިވާ މީހުން އެކަނި ކަމަށްވެސް ޕްރިޒަން ކޮމިޝަނަރު ފާހަގަކުރެއްވި އެވެ. އިތުރަށް ވިދާޅުވީ ޖަލު އާބާދީގެ ބޮޑުބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ކަމަށާއި އެފަދަ މީހުންނަށް ބަލާއިރު އެމީހުންނަށް ކޮމިއުނިޓީ ސެންޓެންސްގައި ފަރުވާ ނުދެވޭނެ ކަމަށެވެ.

"އެހެންނެއް ނޫން ޑްރަގް ގާނޫނަށް ބަލާއިރު އެންމެ ލެކްވާ އެއް ކަމަކީ ޓްރީޓްމެންޓް. ޓްރީޓްމެންޓް ދެވިގެން ޖަލުގައި ތިބި މީހުންނަށް ފަރުވާ ހޯދައިދެވޭނީ. އެހެންވީމަ މިހާރު މަސައްކަތް އެބަކުރަން ކޮމިއުނިޓީ ސެންޓެންސަށް ގެންދިއުމަށް ޕީނަލް ކޯޑުގައި ބަޔާންކޮށްފަ ހުރި ކުށްތަކުގެ ތެރެއިން މުޖުތަމައުގައި ބަހައްޓައިގެން ހުކުމް ތަންފީޒުކުރަން،" އަހުމަދު ވިދާޅުވި އެވެ.