އަހުމަދު މަހްލޫފު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް މަހުލޫފަށް އަންގައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން އަންގައިފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ މިއަދު މަހުލޫފަަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

އެ ސިޓީގައި އިތުރަށް ބުނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް އޭޕްރީލް 24 ގައި ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުން ބެލުމަށް ފަހު ކަމާއިގުޅޭ މުއައްސަސާތަކަށް ފޮނުވުމުން އޭގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަހުމަދު މަހުލޫފްގެ މައްސަލައެއް ބަލަމުންދާ ކަމަށް އަންގާފައިވާ ކަމަށެވެ.

މަހުލޫފް ވާދަކުރައްވަން ނިންމެވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އަންގާފައި މިވަނީ އެ ޕާޓީގެ ތެރެއިން ނުފޫޒު ގަދަ ބައެއް ބޭފުޅުން އިސްކޮށް ތިއްބަވާ މަހުލޫފަށް އެކި ގޮތްގޮތުން ފުރުސަތުތައް ހަނިކޮށް މަގާމު ގެއްލުވާލުމަށް މަަަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ.

އެމްޑީޕީން މިރޭ ވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް އޭޕްރީލް 24 ގައި ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފައެވެ. ލިސްޓްގައި ދެން ހިމެނިވަޑައިނުގަންނަވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެވެ. އޭނާއަކީވެސް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތުހުމަތު އޮތް ބޭފުޅެކެވެ. އަކުރަމް ކުރިމަތިލައްވަން ނިންމެވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އޭނާއާ ވާދަކުރައްވަނީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.