އަހުމަދު މަހްލޫފު

އެމްޑީޕީ އިންތިހާބު: މަހުލޫފަށް ބޮޑު ކާމިޔާބެއް

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވާދަކުރެއްވި މެދު އުތުރު ޕްރޮވިންސް އިން އޭނާ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކޮށްފި އެވެ.

ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މެންބަރުން އިންތިހާބު ކުރާއިރު މިފަަހަރުގެ އިންތިހާބުން އެންމެ ހަނިގޮތަަކަށް ފުރުސަތު ލިބިވަޑައިގަތީ މަހުލޫފަށެވެ. އިންތިހާބަށް ކެންޕެއިން ކުރެއްވުމަށްވެސް މަހުލޫފަށް ފުރުސަތު ލިބިވަޑައިގެންފައިވަނީ އެންމެ ފަހުންނެވެ. އެމްޑީޕީން ފުރަތަމަ އެންގީ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށެވެ. އެ ނިންމުން އިސްތިއުނާފު ކުރުމުން އެ ކޮމެޓީން ނިންމީވެސް މަހުލޫފަށް ފުރުސަތު ނެތް ކަމަށެވެ.

މަހުލޫފަށް އިންތިހާބުން ފުރުސަތު ލިބިވަޑައިގަތީ އަލަށް އިންތިހާބު ކުރެވުނު އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުން މައްސަލަ އަލުން ބެލުމުންނެވެ. އިންތިހާބުގައި ވާދަކުރެވޭނެ ކަން މަހުލޫފަށް އެ ކޮމެޓީން އަންގާފައިވަަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެހެން ކަމުން މަހުލޫފަށް ކެންޕެއިން ކުރެއްވުމަށް ލިބިވަޑައިގަތީ 16 ދުވަހެވެ. އެ މުއްދަތުގައި އޭނާ ވަނީ މެދު އުތުރު ޕްރޮވިންސްގައި ހިމެނޭ 32 ރަށަށް ދަތުރު ކުރައްވާފައެވެ.

މިއަދުގެ އިންތިހާބުގައި ދިގުރަށުން 50 ވޯޓް، މަންދޫ އިން 29 ވޯޓް، ހިންމަފުށިން 90 ވޯޓް، ދިއްފުށިން 53 ވޯޓް، ކުނބުރުދޫ އިން 37 ވޯޓް، މަތިވެރިން 94 ވޯޓް، ހުރާ އިން 78 ވޯޓް، ދަނގެތިން 77 ވޯޓް، ތުލުސްދޫ އިން 26 ވޯޓް، ކާށިދޫ އިން 177 ވޯޓް، އއ. ރަސްދޫ އިން 116 ވޯޓް، ކ. ގާފަރު އިން 151 ވޯޓް ވަނީ ލިބިވަޑައިގެންފައެވެ.

ބޮޑުފުޅަދޫ އިން 22 ވޯޓް، ގުޅިން 56 ވޯޓް، މާޅޮސް އިން 68 ވޯޓް، ފުލިދޫ އިން 62 ވޯޓް، އޮމަދޫ އިން 52 ވޯޓް، ހިމަންދޫ އިން 67 ވޯޓް، ކެޔޮދޫ އިން 126 ވޯޓް، ތޮއްޑޫ އިން 159 ވޯޓް، އުކުޅަހުން 284 ވޯޓް، ރަކީދޫ އިން 27 ވޯޓް ލިބިވަޑައިގަތެވެ.