އަހުމަދު މަހްލޫފު

ހައްގު ހޯދަން މަސައްކަތް ކުރާނަން: މަހުލޫފް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން އެންގި އެންގުމުގެ ފަހަތުގައި އޮތީ ސިޔާސީ ކަންތައްތަކެއް ކަމަށް ވިދާޅުވެ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަަށް މިނިސްޓަރު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ މަހުލޫފަަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

އެ ސިޓީގައި އިތުރަށް ބުނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް އޭޕްރީލް 24 ގައި ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުން ބެލުމަށް ފަހު ކަމާއިގުޅޭ މުއައްސަސާތަކަށް ފޮނުވުމުން އޭގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަހުމަދު މަހުލޫފްގެ މައްސަލައެއް ބަލަމުންދާ ކަމަށް އަންގާފައިވާ ކަމަށެވެ.

މަހުލޫފް ވާދަކުރައްވަން ނިންމެވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

މަހުލޫފް މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައްޔިތުންގެ މަޖިލިސް އަދި ކައުންސިލް އިންތިހާބަށްވެސް އޭނާގެ ޝަރުތު ހަމަވާ ކަމަަށެވެ.

އަދި ‏ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފައި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަަށެވެ.

"‏ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވެންވާނެ. ‏މި ހައްގު ހޯދަން މަސައްކަތް ކުރާނަން،"

މަހުލޫފް ވިދާޅުވީ އެ ޕާޓީގެ ނިންމުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރި އިންތިހާބުތަކުގަ ވާދަކުރުމުގެ ހައްގާއި ދިމާ އިދިކޮޅު އަދި ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއް ކަމަށެވެ.

"‏އެމްޑީޕީގެ ރައީސް އާއި ނައިބު އާއި ޗެއާޕާސަން އަދި ޕްރައިމަރީތަކަށްވެސް ޝަރުތުހަމެ. ‏މިހިނގާ ކަންކަމަކީ އެމްއެމްޕީއާރުސީ އާއިގުޅޭ ކަމެެއްނޫން. މިއީ ސިޔާސީ ކަމެއް،"

މަހުލޫފް ވަނީ އެމްޑީޕީގެ އިސް ބޭފުޅުންނަށްޓަަކައި އެތައް ގުރުބާނީއެއްވެ އަދި ސަރުކާރުން ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާއިރު މިހާރު ހިނގަމުންދާ ކަންތައްތަކަކީ ކޮން ސަބަބަކާއި ގުޅިގެން ހިނގަމުންދާ ކަންތައްތަކެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.