އަހުމަދު މަހްލޫފު

މަހުލޫފުގެ މައްސަލަ އަލުން ބަލަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އެ ޕާޓީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުން ބެލުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެންގުމުން އެމްޑީޕީގެ ޝަކުވާ ބަލާ ކޮމެޓީއަށް މަހުލޫފް މައްސަލަ ހުށައެޅިއެވެ. ނަމަވެސް އެ ކޮމެޓިން ނިންމި ނިންމުމުގައި ބުނެފައިވަނީ ދާއިރާ އިންތިހާބުގައި ކުރިމަތިލުމުގެ ހަތަރުވަނަ ޝަރުތުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަށް އެދި އޭސީސީން އެއްވެސް އިދާރާއަކަށް ފޮނުވާފައިވާ މީހަކަށް އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މަހުލޫފަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އެ ނިންމުމުގެ ކުރީން މަހުލޫފް ވަނީ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ. އެ ކޮމިޝަނުން މިއަދު ނިންމި މައްސަލާގައި ބުނެފައިވަނީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެމްބަރަކަށް ޝަރުތުތަކެއް ކަނޑައަޅާ ނަމަ އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައި ދަފްތަރުކޮށްފައިވާ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމްޑީޕީގެ މެންބަރުކަން ފިޔަވައި ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައިނުވާ ކަމަށެވެ.

މި ސިޓީގައި ވަކި ކަމަށް އަމަލު ކުރަން އަންގާފައި ނެތް ނަމަވެސް މަހުލޫފްގެ މައްސަލާގައި އެެ ޕާޓީން އަމަލުކުރި ގޮތް ގޯސްކަން ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެކަމަށް ރިއާޔަތްކުރުމެއް ނެތި އެމްޑީޕީން ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ސޮއިކުރައްވާ މިއަދު މަހުލޫފަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މަހުލޫފް، އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބަލަން މިރޭ 8:30 ގައި ކޮމެޓީ ބައްދަލްވުމެއްވެސް ބާއްވަން ވަނީ ނިންމާފައެވެ.

"ވީމާ، މިރޭ 8:30 އަށް އެމްޑީޕީ އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ބޭނުންފުޅުނަމަ ގާނޫނީ ވަކީލް [ބާ އެސޯސިއޭޝަންގައި ރަޖިސްޓްރީވެފައިވާ] އެއް ގެނެވިދާނެ ވާހަކަވެސް ދެންނެވީމެވެ،" މަހުލޫފަށް ފޮނުއްވި ސިޓީގައިވެއެވެ.

މަހުލޫފްގެ މައްސަލަ ބެލުމަށް ނިންމާފައިމިވަނީ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރެއްވި ކެންޑިޑޭޓުން ހޮވި، އެ މަޖިލީހުގެ އާ ދައުރު ފަށާފައިވަނިކޮށެވެ.