ރައްޔިތުންގެ މަޖިލިސް

އެލްޖީއޭ ބޯޑު މެންބަރުންނަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މެންބަރު ކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކަށް އާންމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔަޒު އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ އާންމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ.

އެއަށްފަހު މިމަހުގެ 24 ވަނަ ދުވަހުގައި އެލްޖީއޭގެ ބޯޑު މެމްބަރުންގެ ގޮތުގައި ލިސްޓުގައި ހިމެނޭ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ނިންމާފައިވާ ކަމަށާއި އިންޓަވި އަށް ފަހުން ރުހުން ދޭން ކޮމިޓީއަށް ފެންނަ ތިން މެންބަރަކަށް ރުހުން ދިނުމަށްފަހު ކޮމިޓީ ރިޕޯޓް ލަސްނުކޮށް މަޖިލީހުގެ ރިޔާސަތަށް ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމިޓީގެ މި ނިންމުންތައް ނިންމާފައި ވަނީ މިއަދު ކޮމިޓީ ބައްދަލުވުމަށް ވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތައް ދިރާސާކޮށް ނިންމަން ޖެހޭ ސުން ގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހެވެ.

އެލްޖީއޭގެ ބޯޑު މެމްބަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވާ ނަންތައް

  • އަޒްހާ ޒަމީރު / މ. ލިލީޒް
  • އައިމިނަތު އަލީ / ދަފްތަރު
  • ފާތުމަތު ނިއުމާ / ގ. ހިމާލިޔާގެ
  • ފާތިމަތު ޒީނާ އަލީ / ހ. ރައިޒިން ސަން
  • އައިޝަތު ޝީޒާ / ޝާޒީބިން ބ. ކެންދޫ

އެލްޖީއޭގެ ބޯޑުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ. ބޯޑުގެ މި ދައުރުގެ ރައީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަން ކުރައްވާފަ އެވެ. އަދި އެލްޖީއޭގެ ބޯޑަށް ލޯކަލް ކައުންސިލްތަކުގެ ފަރާތުން އިންތިހާބު ކުރަންޖެހޭ ކައުންސިލަރުން ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.