ރައްޔިތުންގެ މަޖިލިސް

އަފްގާނުގެ ހާލަތާ ގުޅިގެން ރާއްޖެއަށް ނުރައްކަލެއް އޮތްތޯ ބެލުމަށް 241 ކޮމިޓީއަށް

އަފްގާނިސްތާނުގެ ގާނޫނީ ސަރުކާރު ތާލިބަނުން ވައްޓާލައި ވެރިކަމަށް އެރުމުން، އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ ( 241 ކޮމިޓީ) އަށް ހުށަހަޅައިފި އެވެ.

މި ކަމަށް އެދިވަޑައިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ސިޓީއެއް ފޮނުވާފައިވާ ކަން އެ ކޮމިޓީގެ މުގައްރަރު، ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަވަސް އަށް ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

އަސްލަމަށް ވިދާޅުވީ ސިޓީ ފޮނުވާފައި ވަނީ މިދިޔަ ހޯމަ ދުވަހުގައި ކަމަށެވެ. ސިޓީގައި އީވާ ވަނީ އަފްގާނިސްތާނު ހާލަތުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބެލުމަށްޓަކައި ކަމާގުޅޭ އިދާރާތަކުން ހަދާފައިވާ ރިސްކު އެސެސްމަންޓް ދެނެގަތުމަށް ނުވަތަ އެފަދަ ރިސްކް އެސެސްމަންޓެއް ހެދުމަށް ހުށަހަޅުއްވާފަ އެވެ. މި ހުށަހެޅުމާއި މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އީވާގެ ސިޓީގައި ވަނީ އެހީއަށް ބޭނުންވެފައިވާ އަފްގާނިސްތާނުގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ވެސް ހުށަހަޅުއްވާފަ އެވެ.

ތާލިބާނުން އަފްގާނު ހިފުމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަފްގާނުގެ ހަލަތު ކަމާ ގުޅޭ އިސްވެރިން ވަރަށް ގާތުން ބައްލަވާ، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ވަރުގަދަ ކުރަންޖެހޭނަމަ އެކަންވެސް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ގިނަ ދިވެހިން ފާހަގަކުރެވިފައިވާތީ އެމީހުންގެ ހަރަކާތްތައް އިތުރަށް މޮނިޓާކުރާނެ ކަމަށެވެ.

އަފްގާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވުމާ ގުޅިގެން އެ ޖަމާއަތް ދިވެހި ސަރުކާރުން ގަބޫލުކުރުމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެ އެވެ.
އަފްޣާނިސްތާނަކީ ރާއްޖެ ބައިވެރިވާ ސައުތު އޭޝިއަން ފޯ އެސޯސިއޭޝަން އޮފް ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ވެސް މެންބަރު ގައުމެކެވެ. ތާލިބާން ޖަމާއަތް ބަލައިގަތުމާ މެދު ސާކް ގައުމުތަކުން ވެސް އަދި އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެ އެވެ

އަފްޣާނިސްތާނުގައި ހިނގަމުންދިޔަ ރައްޔިތުންގެ ސަރުކާރު ބަދަލުވެ އެ ގައުމުގައި ހަނގުރާމަ ކުރަމުން ދިޔަ ތާލިބާނުންގެ ބާރުގެ ދަށަށް މުޅި ގައުމު ވަނީ ގޮސްފަ އެވެ. އެ ގައުމުގެ ރައީސް އަޝްރަފް ޣަނީ ވެސް މިހާރު ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފަ އެވެ.

ތާލިބާނުންނަކީ ހައްދު ފަހަޅައަޅާފައިވާ މީހުން ރެކްރޫޓް ކުރާ ހަރުކަށި ފިކުުރުގެ ޖަމާއަތެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރެ އެވެ. އެހެންކަމުން އެ ޖަމާއަތާ މުއާމަލާތު ކުރަނީ ވެސް ދުނިޔޭގެ ވަރަށް މަދު ގައުމަކުންނެވެ.