މުހައްމަދު އަސްލަމް

ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި މަޝްރޫއުތައް ހަލުވިވާނެ: އަސްލަމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ނިމެން ބާކީ އޮތް ދެ އަހަރު ތެރޭ އުމްރާނީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްއްޖެ އެވެ.

ރައީސް ސޯލިހު ތ. އޮމަދޫއަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ސަރުކާރަށް އާމްދަނީ ލިބޭ މިންވަރުން އުމްރާނީ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމުގައި ވަކި އަތޮޅަކަށް ރަށަކަށް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާއެކު ކުރިމަތިވި ދަތި އުނދަގުލާއެކުވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި އަދި މިހާރުވެސް 39 ބަނދަރެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި 17 ރަށެއްގެ ބަނދަރުގެ މަސައްކަތް ޓެންޑާ ކުރުމުގެ މަރުހަލާގައި އެބައޮތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ދައުރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް އަދި އެހެނިހެންވެސް ތަރައްގީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނެ" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދާއިރު ޓެކްނިކަލް ކަންކަން ހުންނަ ގޮތުން ބައެއް ފަަހަރު ކަންކަން ކުރަން ފަސްޖެހިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ކަންކަން ކުރެވޭނެ ގޮތެއް އަބަދުވެސް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށެވެ.

ކޮވިޑްގެ ހާލަތުން އަރިއިގަތުމަށް ވެކްސިން ޖެހުމުގެ މުހިއްމު ކަންވެސް އަސްލަމް މިއަދު ފާހަގަކުރެއްވި އެވެ. އަދި އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޖަހައި ކޮވިޑްގެ ރައްކާތެރިކަން ކަށަވަރުކުރަން އިލްތިމާސްކުރެއްވި އެވެ.