މުހައްމަދު އަސްލަމް

މަސައްކަތްތައް ގިނަވެ އޯވަލޯޑްވެއްޖެ: އަސްލަމް

ރާއްޖޭގައި މަސައްކަތްތައް ކުރިއަށްދާ ވަރުން ކުންފުނިތައް ހުރީ އޯވަލޯޑުވާ ހިސާބުގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކުރެވިފައިވާ މަޝްރޫއުތައް ލަސްވާ ސަބަބާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މަސައްކަތްތައް ލަސްވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ދެފުށް ފެންނަ ގޮތަަށް މަސައްކަތްތައް ކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ހެދިފައި ހުންނަ ކަމަށެވެ.

އޭގެ ތެރޭގައި ޓެންޑަރިން ޕްރޮސެސް އާއި އީއައިއޭ އަދި ސްޓެންޑްސްޓިލް ޕީރިއަޑް އޮންނަ ކަމަށާއި ބަޔަކު މައްސަލަ ޖައްސައިފި ނަމަ މަސައްކަތަށް ހުއްޓުމެއް އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޕްރޮސެސްއާ އެއްގޮތަށް ކުރިއަށް ދިއުމުން ލަސްވުމެއް އަންނަ ކަމަށެވެ.

"އަނެއް ކަމަކީ އަޅުގަނޑުމެންގެ ކެޕޭސިޓީ މަސައްކަތް ކުރުމުގައި. އެމްޓީސީސީ ވިޔަސް އަދި އެހެން ކުުންފުނިތައް ވިޔަސް މިހާރު ރާއްޖޭޭގައި މަސައްކަތްތައް ހިނގަމުންދާ ވަރުން މި ތިބީ އޯވަލޯޑު ވާ ހިސާބުގައި. އެހެންވީމާ މަސައްކަތުގައި އުޅޭ ލަސްވާ ލަސްވުން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މަޝްރޫއު ހިންގާ ކޮންޓްރެކްޓަރުގެ މާލީ ހާލަތާ ގުޅޭ މައްސަަތައްވެސް ދިމާވާ ކަމަށާއި ކޮވިޑްގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތަށް އައި ބަދަލުތަކަކީވެސް މަޝްރޫއުތައް ލަސްވާ ސަބަބެއް ކަމަށެވެ.