ރ. އަތޮޅު ދެކުނު ބިތުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާއިރު އެ އެއާޕޯޓު އަޅާނެ ރަށެއް އަދިވެސް ނުނިންމޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅު ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއާޕޯޓާއި ގުޅޭ ގޮތުން މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު، ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެއާޕޯޓު އަޅާނެ ކަނޑައަޅާ ނިންމާފައިނުވާ ކަމަށެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ އަތޮޅުގެ ތަރައްގީއަށް ވިސްނާއިރު އެއާޕޯޓު އަޅަން އެންމެ ރަނގަޅީ މީހުން ދިރިއުޅޭ ރަށަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ އެފަދަ ރަށްރަށުގައި ކަމަށް ވިދާޅުވި އެވެ.
އެގޮތަށް އެއާޕޯޓު އެޅުމުން އޭގެ ފައިދާ ރަށުގެ ރައްޔިތުންނަށް ކުރާ ކަމަށާއި މަސައްކަތުގެ އަގު ކުޑަވާ ކަމަށް ވިދާޅުވި އެވެ.
"މަސައްކަތުގެ އަގުވެސް ކުޑަވޭ. ބަނދަރު އަޅާކަށް ނުޖެހޭ، ކަރަންޓު ވަކިންލާކަށް ނުޖެހޭ، ފެނާއި ނަރުދަމާ ވަކިން އަޅާކަން ނުޖެހޭ، އެކޮމޮޑޭޝަން އަޅާކަށް ނުޖެހޭ، ވަކިން އެއާޕޯޓެއް ހެދީމަ ފަޅު ރަށެއްގައި އުޅޭހެން އުޅެން ޖެހެނީ. އެހެން ނަމަވެސް ފަހަރެއްގައި ރ. އަތޮޅުގައި އެ އޮޕްޝަން ނޯވެދާނެ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ އެއާޕޯޓު އެޅުމަށް ދެ ތަނެއްގެ ވާހަކަ ދެކެވުނު ކަމަށެވެ.
"އޮޕްޝަންތަކުގެ ތެރޭގައި ދެ ތަނެއްގެ ވާހަކަ ދެކެވުނު. އޭގެ ތެރެއިން އެއްތަނަކީ ބެރިޔަންފަރު. ބެރިޔަންފަރުގައި އެއާޕޯޓެއް އެޅުމަށް އަޅާނީ ކިހިނެތްތޯ." އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މަހެއްހާ ދުވަސް ކުރިން ރ. އަތޮޅު ކައުންސިލާއި މަޝްވަރާ ކުރެއްވި ކަމަށެވެ.
ރ. އަތޮޅު ދެކުނު ބިތުގެ ރަށެއްގައި އެއާޕޯޓު ތަރައްގީ ކުރަން ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.