މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

އެއާޕޯޓްތައް އަޅަން ތިން ފަރާތަކާއެކު އެއްބަސްވުމާއި ހަމައަށް

އަލަށް ތަރައްގީކުރާ އެއާޕޯޓްތަކާ ގުޅިގެން ތިން ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމާ ހިސާބަށް މަސައްކަތް ގޮސްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެއާޕޯޓްތައް ތަރައްގީކުރުމުގެ މަޝްރޫއު އޮތް ގޮތުން މަދުވެގެން ތިން މިލިއަން ޑޮލަރު ޕްރޮޕޯޒް ކުރަންޖެހޭ ކަމަށެވެ.

"ދެން އެބަޔަކު ރިސޯޓެއް ހެދުމަށް ހޯދަން ބޭނުންވާ ރަށުގެ ސައިޒާއި އޮންނަ ތަނަކަށް ބަލާފަ އޭގެ ޖެހޭ އަގު ތިން މިލިއަން ޑޮލަރަށްވުރެ ކުޑަ ވިޔަސް ތިން މިލިއަން ޑޮލަރު ދޭންޖެހޭނެ" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދެވަނަ މަރުހަލާގައި އެމްއޯޔޫގައި ސޮއިކުރަނީ 45 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ކަމަށެވެ. ފައިސާ ދެއްކުމުން ރަށާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއެކު ލީޒް އެގްރީމެންޓަށް ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެއާޕޯޓްތަކަށް ޕްރޮޕޯސަލް ހުށަހެޅި ތިން ކުންފުނިންވެސް މިމަސައްކަތަށް ސީރިއަސް ކަމަށެވެ. ނަމަވެސް ފައިސާ ދެއްކުމަށް އެއް ކުންފުންޏަކުން ހަމަސް ދުވަސް ބޭނުންވާ ކަމަށް ބުނާ ކަމަށާއި އެކަމަކު މަޝްރޫއުގެ ކަންކަމުގައި ގިނަ ދުވަސް ހޭދަކުރަން ބޭނުން ނުވާތީ އެ ފުރުސަތު ދޭން ސަރުކާރުން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި އަދި ފ. މަގޫދޫގައި އެއާޕޯޓް އަޅަން އިއުލާނުކޮށްފައެވެ. އޭގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްގީކުރަން އިއުލާނުކޮށްފައިވާއިރު އެ ރަށް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ޝައުގުވެރިކަން ފާޅުކުރުމުގައި ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަގަކީ ތިން މިލިއަން ޑޮލަރު ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.