ދުނިޔެ

ތާލިބާން ސަރުކާރެއް ގަބޫލު ކޮށްފާނެ ހަ ގައުމު

އަފްޣާނިސްތާން މިހާރު އެ އޮތީ ތާލިބާނުންގެ އަތްދަށުގަ އެވެ. އެ ޖަމާއަތުން ބުނަނީ ލަސްތަކެއް ނުވެ ސަރުކާރެއް ގާއިމު ކުރާނެ ކަމަށެވެ. ތާލިބާނުން ގާއިމުކުރާ ސަރުކާރެއްގައި ހުރިހާ މުއައްސަސާއެއް އޮންނާނީ އެ ޖަމާއަތުގެ ބާރުގެ ދަށުގަ އެވެ.

އަފްޣާންގައި ތާލިބާނުން އެކުލަވައިލާ ސަރުކާރެއް ބަލައިގަތުމާއި ނުގަތުން އެއީ އެ ގައުމެއްގެ އަމިއްލަ ނިންމުމެކެވެ. އެހެން ނަމަވެސް ދެން ކުރެވެން ނެތް ކަމަކީ ތާލިބާނުން ނޫން ބަޔަކު ލައްވައި އެ ގައުމުގައި – ހަމަ ގައިމުވެސް މިއިން އަހަރަކު ވެރިކަން ކުރުވުމެވެ.

އެމެރިކާ އާއި ހުޅަނގުން އަދި ދުނިޔޭގެ އެހެން ބާރުތަކުން ގަބޫލު ކުރަނީ ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ. އެހެންކަމުން ޓެރަރިސްޓް ޖަމާއަތަކުން ކުރާ ވެރިކަމެއް ބަލައިގަތުން ވާނީ ޓެރަރިޒމާ ދެކޮޅަށް، ޒަމާން ފެށުނީއްސުރެ މަސައްކަތް ކުރަމުން ގެންދާ ބަޔަކަށް ލަދުވެެތި ކަމަކަށެވެ.

އަފްޣާންގެ ހާލަތު މިގޮތަށް އޮތް ނަމަވެސް އެމެރިކާއާ އެކުވެރި ބައެއް ގައުމުތަކުން ބުނަނީ އިންސާނީ ހައްގުތަކަށް ތާލިބާނުން ފުރުސަތުދޭ ނަމަ އެ ސަރުކާރު ބަލައިގަންނާނެ ކަމަށެވެ. ކަނބަލުންނަށް ހައްގު އިހުތިރާމް ދޭންޖެހޭނެ ކަމަށެވެ. ނޫސްވެރިންނާއި ޑިމޮކްރަސީގައި މިފަދައިން ބާރުއަޅާ ހުރިހާ ކަމެއްގައި އެމެރިކާ ކޮޅަށް ބުރަވާ ނަމަ ތާލިބާނުންނަށްޓަކައި ބޮޑުވާއިނގިލި ކޮޅަށް ޖަހާނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން ތަމްސީލު ކުރައްވާ ޖޯސެފް ބޮރެލް ވިދާޅުވީ ތާލިބާނުން ހަނގުރާމަ ކާމިޔާބު ކޮށްފި ކަމަށާއި އެ ޖަމާއަތާ މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އިންސާނީ ކަރާމާތަށް ކަމޭހިތާ ނަމަ ޔޫރަޕް ގައުމުތަކުން ތާލިބާނުން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

އެމެރިކާއާ ޔޫރަޕުން ކަމެއް ބޯމަތިކޮށްފައި ނޫނީ ބަޔަކަށް ކަމެއް ނުކޮށްދެ އެވެ. ދެރަ ނިކަމެތި ފަގީރު ގައުމުތަކަށް ކަމެއް ކޮށްދިނުމުގައި ފުރަތަމަ އޮންނަން ޖެހެނީ އެމީހުން ކުރާ ޝަރުތެވެ. އެހެން ނަމަވެސް އަފްޣާންގައި ތާލިބާނުން ގާއިމުކުރާ ސަރުކާރެއް ޝަރުތެއް، ހުޅަނގުން ކުރާ ކަހަލަ، ނުއުފުލޭ ވަރުގެ ޝަރުތެއް ނެތި، ބަލައިގަންނާނެ ގައުމުތައް އެބަ ތިއްބެވެ.

1
 

ޕާކިސްތާން

އަފްޣާންގެ ކުރީގެ ރައީސް، މުހައްމަދު އަޝްރަފް ޣަނީގެ އެންމެ ބޮޑު ޝަކުވާއަކީ ވެސް ޕާކިސްތާނެވެ. އަފްޣާން ސަރުކާރަށް ތާލިބާނުން އޮބިނޯންނަ ވަރު ކުރަނީ ޕާކިސްތާނާ ހެދި ކަމަށް ޣަނީ ވިދާޅުވެ އެވެ.

ޕާކިސްތާނާ ތާލިބާނުންގެ މެދުގައި ގާތް ގުޅުމެއް އޮންނަކަން ޒަމާން ދަނެ އެވެ. އެކަމަކު ޕާކިސްތާނުން ބުނަނީ އެއީ އެއްބާރުލުން ދޭވަރުގެ ބައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ބޮޑުވަޒީރު އިމްރާނަށް ދޭތެރެ ދޭތެރެއިން ވިދާޅުވެވޭ ލަފުޒެއް ފަލަ ސުރުހީއަށް އަރައި އެމަނިކުފާނަކީ ތާލިބާނުންނަށް އޯގާތެރި ބޭފުޅެއް ކަމަށް ނޫސްތަކުގައި ލިޔެވެވެމުން ދެއެވެ. އަފްޣާންގައި ތާލިބާނުން ގާއިމު ކުރާ ސަރުކާރެއް ޕާކިސްތާނުން ބަލައިގަންނާނެ އެވެ.

2
 

އޮމާން

އޮމާންގެ މުފްތީ އަހްމަދު ބިން ހަމަދު އަލްޚަލީލީ ނެރުއްވި ބަޔާނެއްގައި ތާލިބާނުންނަށް ވަރަށް ބޮޑަށް ސަނާ ދަންނަވާފައިވެ އެވެ. ތާލިބާނުން ހޯދި ކާމިޔާބަށް މަރުހަބާ ދަންނަވައި އެއީ އަޚުން ކަމަށް ލިޔުއްވާފައިވެ އެވެ. އަފްޣާން މިނިވަން ކުރުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފާފުޅެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެހެންވެ އޮމާންއާ ދިމާގައި ވެސް ރަނގަޅު ފާހަގަ ޖަހާށެވެ.

3
 

ރަޝިއާ

ތާލިބާނުން ކާބުލްއަށް އެރުމުގެ ކުރިން ވެސް ރަޝިއާއަށް ބޮޑު ކަމެއް ކަށަވަރުވެފައި އޮތެވެ. ތާލިބާނުން ކާބުލް ހިފާނެ ކަމާއި ވެރިކަން ކުރާނެ ކަމެވެ. އެހެންކަމުން ތާލިބާނުންނަށް ބައިއަތު ހިފަން ޖެހޭނެ ކަމެވެ. ރަޝިއާއިން އޮތީ އެމީހުންގެ ނަމާ ދިމާގައި މާ ކުރީއްސުރެ އަމިއްލައަށް ރަނގަޅު ފާހަގަޖަހައިގެނެވެ.

4
 

ޗައިނާ

އަފްޣާންގައި މިވަގުތު ބަރާބަރަށް އެމްބަސީ ހިންގަނީ ދެ ގައުމަކުންނެވެ. އެއީ ރަޝިއާ އާއި ޗައިނާއިންނެވެ. މި ދެ އެމްބަސީގައި ސެކިޔުރިޓީ ބަލަހައްޓައި ދެނީ ތާލިބާނުންނެވެ. ދެން އިތުރަށް ލިޔާނެ އެއްޗެއް ނެތެއް ނޫންތޯ އެވެ.

ޗައިނާ ސަރުކާރުން ތާލިބާނުންނަށް މިހާރު ވެސް އޮތީ ދައުވަތު ދީފަ އެވެ. ޗައިނާއިން އަފްޣާންގައި އިންވެސްޓް ކުރާނެ ކަމަށާއި އަފްޣާން ރައްޔިތުން ތަމްރީން ކޮށްދިނުމަށް ވެސް ތައްޔާރު ކަމަށް ޗައިނާއިން އޮތީ ބުނެފަ އެވެ. ޗައިނާގެ އޮފިޝަލަކު ތާލިބާނުންނާ ދިމާއަށް ނުކަޝިޔާރު އެކައްޗެއް ވެސް މިހާތަނަށް ވިދާޅުވެފައެއް ނުވެ އެވެ.

5
 

ތުރުކީ

ތާލިބާނުން ނޫސްވެރިނާ ބައްދަލުކޮށް ދެއްކި ވާހަކަތަކަށް ތުރުކީން މަރުހަބާކީ އުފާވެރި ކަމާއެކު އެވެ. ތުރުކީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުން ތާލިބާނުން ކަމުދާ ވާހަކަތަކެއް ދައްކައިފި އެވެ. އެހެންކަމުން ތާލިބާނުންނަށް ތުރުކީން ރުހުން ދޭނެކަން މިއޮތީ ކަށަވަރުވެފަ އެވެ. އަނެއްކޮޅުން އަފްޣާނުން ތުރުކީއަށް އެތެރެވާ ރެފިއުޖީންނަށް އަޅާލާނެ ކަމަށް ތުރުކީން އޮތީ ބުނެފަ އެވެ.

6
 

ސައޫދީ އަރަބިއާ

ލިސްޓް ކުރެވުނު ހުރިހާ ގައުމެއްގެ ތެރެއިން ވެސް ޚަބަރުތައް ބުނާ ގޮތުން ތާލިބާނުންނަށް އެންމެ ފުރަތަމަ ސިއްރިއްޔާތުގައި ނަމަވެސް ރުހުން ދޭނީ ސައޫދީންނެވެ. މި ކަމާ ބެހޭ ގޮތުން ސައޫދީން ރަސްމީކޮށް އަދި ވާހަކަ ނުދެއްކި ނަމަވެސް ދުނިޔޭގެ ބޮޑެތި މީޑިއާ ކުންފުނިތަކުން މިކަން މިގޮތަށް ހިނގާނެ ކަމަށް ބުނެ އެވެ.