ފަޔަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން މި އަހަރުގެ ސީޒަންގައި ނުކުޅުމަށް ސްޕެއިންގެ ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ނިންމައިފި އެވެ.
މިދިޔަ ހުކުރު ދުވަހު އިންސްޓަގްރާމްގައި ނަޑާލް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި އަހަރުގެ ސީޒަންގައި އިތުރަށް ނުކުޅެން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން މި މަހުގެ 30 ވަނަ ދުވަހު ފަށާ އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގައި ނަޑާލް ބައިވެރިއެއް ނުވާނެ އެވެ.
މިއަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރަތުގެ ތެރެއިން، ފަޔަށް ލިބިފައިވާ އަނިޔާ ގޯސްވުމުން މިއަހަރު ނަޑާލްއަށް މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ. އަދި އޭގެ ސަބަބުން އޭނާއަށް ވަނީ ގިނަ މުބާރާތްތަކެއް ގެއްލިފަ އެވެ. އެގޮތުން ޔޫއެސް އޯޕަނިން އާއި، ވިމްބްލެޑަންގެ އިތުރުން މިއަހަރު ޓޯކިޔޯގައި ކުރިއަށް ދިޔަ އޮލިމްޕިކްސްގައި ވެސް ނަޑާލްއަށް ބައިވެރި ނުވެވުނެވެ.
ނަޑާލް ބުނީ މިއަހަރު އިތުރަށް ނުކުޅެން ނިންމީ ޓޮރޮންޓޯގައި ކުރިއަށްދިޔަ މުބާރާތް ނިންމާލުމަށް ފަހު ދެތިން ދުވަހު އެކަމާއި ވަރަށް ފުންކޮށް ވިސްނުމަށް ފަހު ކަމަށެވެ. އަދި މިގޮތަށް ނިންމީ އޭނާގެ އާއިލާ އަދި ވަކިން ހާއްސަކޮށް ޑޮކްޓަރުންނާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
އެންމެ އެކަށީގެންވާ ވަރަށް މިދިޔަ އަހަރު ފަރިތަ ނުކުރެވުމުގެ ސަބަބުން އޭނާ ބޭނުންވި ފެންވަރުގައި ނުކުޅެވުނުކަން ފާހަގަ ކުރަމުން ނަޑާލް ބުނީ އަނިޔާއިން ސަލާމަތްވިހާ އަވަހަކަށް އަލުން ކުޅުމާއި ގުޅޭނެ ކަމަށެވެ. އަދި އަނިޔާއިން ސަލާމަތް ވެއްޖެ ނަމަ އޭނާގެ ކުޅުމުގެ ލެވެލްއާއި ކޮންފިޑެންސްއަށް ބަދަލެއް ނާންނާނެ ކަމަށެވެ.
މީގެ ކުރިން 2005 ވަނަ އަހަރު ވެސް ނަޑާލްގެ ފަޔަށް އަނިޔާވެ އޭނާ ކުޅުމާއި ދުރުގައި ހުއްޓެވެ. އޭރު އޭނާގެ ޑޮކްޓަރުންގެ ވާހަކަތައް ހުރީ އޭނާގެ ކެރިއަރު އިތުރަށް ކުރިއަށް ނުގެންދެވޭނެ ފަދަ މޭރުމަކުންނެވެ. ނަމަވެސް އަނިޔާއިން ސަލާމަތްވެ ނަޑާލް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެހެން ކަމުން 35 އަހަރުގެ ނަޑާލްގެ އުންމީދަކި މިފަހަރު ވެސް އަނިޔާއިން ސަލާމަތްވެ މޮޅު ކުޅުމަކާއި އެކު އެނބުރި އައުމެވެ. އަދި މިކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ނަޑާލް ވަނީ އޭނާގެ ސަޕޯޓަރުންނަށް ވައުދުވެފަ އެވެ.
ޓެނިސްގެ ހަޔާތުގައި ނަޑާލް ވަނީ 88 މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މީގެ ކުރިން ދުނިޔޭގެ ރޭންކިންގެ އެއްވަނަ ޓެނިސް ކުޅުންތެރިޔަކަށް އަރާފައިވާ ނަޑާލް މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނައިގަ އެވެ.