ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

Nov 24, 2015
1

ތޭރަ އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ފިރިހެނަކު ކ. ހުރާ އިން ހައްޔަރުކޮށްފި އެވެ.

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހުރާއިން ހައްޔަރުކުރީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ އަތޮޅު ހިންމަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލަޔަކާ ގުޅިގެން އިއްޔެ އެވެ.

ފުލުހުން ބުނީ، ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށާ، ބަންދުގައި ބަހައްޓައިގެން މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މިންވަރު ރިކޯޑް އަދަދަކަށް އިތުރުވަމުންދާއިރު މައްސަލަޔަށް އަދިވެސް ހައްލެއް އައިސްފައެއް ނުވެ އެވެ. މައްސަލަޔަށް ހައްލެއް ހޯދުމުގެ ގޮތުން ދާދި ފަހުން ޖެންޑާ މިނިސްޓްރީން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކުރި 75 މީހެއްގެ ފޮޓޯއާ މައުލޫމާތު އާންމުކޮށްފަ އެވެ.