ކަޕިލް ޝަރުމާ ޝޯގެ އާ ސީޒަނެއް މިދިޔަ ހަފުތާގައި ފަށާފައި ވާއިރު މި ސީޒަނުގެ ފުރަތަމަ ދެ އެޕިސޯޑުގެ ތެރެއިން ދެ ވަނައަށް ދެއްކި އެޕިސޯޑުގައި ބައިވެރިވީ "ބެލް ބޮޓަމް" ގެ ޓީމެވެ. އެގޮތުން އަކްޝޭ ކުމާރާއި ވާނީ ކަޕޫރު އަދި ހުމާ ގުރޭޝީ ފަދަ ތަރިން މި ޝޯގައި ބައިވެރިވެފައި ވެއެވެ.
މި ޝޯގައި ވާނީ ބައިވެރިވިއިރު އޭނާގެ ހަށިގަނޑު ހުރި ގޮތުން މަލާމާތް ރައްދު ވެދާނެ ކަމަށް ފަހަރެއްގައި ވެސް ހިޔެއް ނުކުރެ އެވެ. ނަމަވެސް ކަންތައް ވީ އެހެންނެވެ. ޝޯގައި ވާނީ ހިކި ކަމުން އޭނާއަށް މަލާމާތް ރައްދުވެފައި ވެއެވެ.
މިފަހަރުގެ ސީޒަންގައި އަލަށް ތައާރަފްކުރި ސެގްމެންޓެއްގައި އޮންނަނީ އެކި ސެލެބްރިޓީން ޝޯޝަލް މީޑިއާގައި ޝެއާ ކުރާ ޕޯސްޓްތަކަށް ފޭކް ކޮމެންޓްތައް ހަދައިގެން އެމީހުންނަށް އެ ކޮމެންޓުތައް ކިޔައި ދިނުމެވެ.
އާދިއްތަ ދުވަހު ދެއްކި އެޕިސޯޑުގައި އޮތް "ޕޯސްޓް ކާ ޕޯސްޓްމާޓަމް" ކިޔާ މި ސެގްމެންޓްގައި ވާނީގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން އޭނާ ޝެއާކުރި ޕޯސްޓަކަށް ކޮށްފައިވާ ފޭކް ކޮމެންޓެއް ކަމަށް ބުނެ ކޮމެންޓެއް ދެއްކި އެވެ. މި ކޮމެންޓުގައި ބުނަނީ "ވަރަށް ބަލިކަށި ފާޑު ޖަހައޭ މީގޮނު [ބަފަލޯ] ކިރު ބޯށޭ" އެވެ.
މި ކޮމެންޓު އަޑުއަހާފައި ވާނީ ލަދުން އުޅުނުތަން ފެނުނު ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ. އަދި ޝޯގެ އެހެން ބައިވެރިން ގަދަޔަށް ހީނ ހެދިކަމަށް ވެސް ވެއެވެ.
ޝޯގެ ކޮމޭޑިއަނެއް ކަމަށްވާ ބާރަތީ ސިންގް ވެސް ވާނީގެ ހަށިގަނޑުގެ ސައިޒަށް މަލާމާތްކުރި ކަމަށް ވެސް މި ޚަބަރުގައި ވެއެވެ. ވާނީގެ ގައިގައި ބައްދާލާފައި ބާރްތީ ބުނީ އަދި އެކަކުގެ ޖާގަ އޮތް ކަމަށެވެ. މި ޖޯކަށް ވެސް އެހެން އެންމެން ބާރު ބާރަށް ހީނގަތް އިރު ވާނީ ހުރީ ވަރަށް ލަދުން ކަމަށް ވެއެވެ.
ކަޕިލްގެ ޝޯގައި ކިޔާ ޖޯކުތަކާ ހިތްހަމަނުޖެހިގެން މީގެ ކުރިން ވެސް ބައެއް މީހުން އެ ވާހަކަ ދައްކާފައި ވެއެވެ. ޚާއްސަކޮށް ޝޯގެ އަންހެން ބައިވެރިންނާ މުޚާތަބުކޮށް ކިޔާ އެއްޗެތި ކަމުނުގޮސްގެން މީހުން ޝަކުވާ ކުރެ އެވެ.
މި ޝޯގައި އެންމެ އާންމުކޮށް ކިޔާ ޖޯކުތަކުގެ ތެރޭގައި ހިމެނެނީ އަންހެނުންގެ އުމުރާއި ބައްޓަމާއި ސައިޒަށް ޖަހާފައި ހުންނަ ޖޯކުތަކެވެ.
ކަޕިލްގެ ޝޯގައި ވާނީ އާ މުޚާތަބުކުރި ޖޯކުތަކަށް އޭނާ ރުޅިއައި ކަމެއް ނުވަތަ ނޫންކަމެއް ނޭނގެ އެވެ. ޔަގީންވާ ކަމަކީ އިންޑިޔާގެ ނޫސްތަކުން މިއީ ވަރަށް ބޮޑު ކަމަކަށް ހަދަން މަސައްކަތް ކުރާ ކަމެވެ.