ބޮލީވުޑް

ފިލްމުތައް ފްލޮޕްވަނީ ކަޕިލްގެ އެސްފީނާ ޖެހިގެން: އަކްޝޭ

ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ އާ ސީޒަނެއް އަންނަ ހަފުތާގައި ފަށަން ހަމަޖެހިފައިވާއިރު ފުރަތަމަ އެޕިސޯޑުގައި ބައިވެރިވަނީ އަކްޝޭ ކުމާރެވެ.

އަކްޝޭ މިފަހަރު ބައިވެރިވަނީ އޭނާގެ އާ ފިލްމު "ކަޓްޕުތުލީ" ޕްރޮމޯޓް ކުރުމަށެވެ. އަކްޝޭއާ އެކު "ކަޓްޕުތުލީ"ގެ ބަތަލާ ރަކުލް ޕްރީތި ސިންގް ވެސް ބައިވެރިވެ އެވެ. މި ފިލްމު ހުކުރު ދުވަހު ޑިޒްނީ+ހޮޓްސްޓާގައި ވަނީ ރިލީޒްކޮށްފަ އެވެ.

ކަޕިލް ޝަރުމާ ޝޯގައި އެންމެ ގިނައިން ބައިވެރިވާ އެކްޓަރަކީ ވެސް އަކްޝޭ އެވެ. އަކްޝޭ ކޮންމެ އަހަރަކުވެސް ގިނަ ފިލްމުތަކެއް ކުޅެ ރިލީޒްކުރާއިރު ކޮންމެ ފަހަރަކުވެސް ފިލްމު ޕްރޮމޯޓްކުރުމަށް ކަޕިލް ޝަރުމާ ޝޯގައި ބައިވެރިވެ އެވެ.

ކަޕިލް ޝަރުމާ ޝޯގެ މިހާރު ދައްކާ އެއް ޕްރޮމޯގައި ވަރަށް ބޮޑު ތުހުމަތެއް އަކްޝޭ ވަނީ ކަޕިލް އަށް ކޮށްފަ އެވެ. އަކްޝޭ ބުނި ގޮތުގައި އޭނާގެ މި ފަހަކުން ރިލީޒްކުރި ފިލްމުތައް ފްލޮޕްވީ ކަޕިލްގެ އެސްފީނާ ޖެހިގެންނެވެ.

"މި މީހާ ހުރިހާ ކަމަކަށް ވެސް އެހާ އެސްފީނާ އަޅާ. އަހަރެންގެ ފިލްމުތަކަށާއި އަހަންނަށް ލިބޭ ފައިސާ އަށް ވެސް އެސްފީނާ އަޅާ. އެގޮތަށް އެސްފީނާ އަޅައަޅާ ގޮސް މިހާރު ފިލްމުތައް ބޮކްސް އޮފީހުގައި ނުހިނގާ އަދި ފައިސާ ވެސް ލިބުން މަދުވެއްޖެ،" ކަޕިލް އަށް ޖޯކު ޖަހަމުން އަކްޝޭ މި ޕްރޮމޯގައި ބުނެ އެވެ.

"ކަޓްޕުތުލީ" ބަލާފައި ކްރިޓިކްސް އާއި ބެލުންތެރިން މި ފިލްމާ ގުޅޭ ގޮތުން ލިޔެފައިވާ ރިވިއުތަކާއި ކޮށްފައިވާ ކޮމެންޓުތަކަށް ބަލާއިރު މި ފިލްމަށް ވެސް ލިބިފައިވަނީ ވަރަށް މަސްހުނި ޚިޔާލު ތަކެކެވެ. އެއް ބަޔަކު ފިލްމު އެއް ފަހަރު ބަލާލަން ކަމުދާ ކަމަށް ބުނެފައިވާއިރު އަނެއް ބަޔަކު ބުނެފައިވަނީ އެއްގޮތަކަށް ވެސް ބަލާހިތްވާ ޒާތުގެ ފިލްމެއް ނޫން ކަމަށެވެ.

މި ފިލްމުގެ ކުރިން ރިލީޒްކުރި އަކްޝޭގެ ތިން ފިލްމެއް ފްލޮޕްވެފައި ވެއެވެ. އެގޮތުން "ރަކްޝާ ބަންދަން"އަށް 44 ކްރޯޑުގެ ވިޔަފާރި ވެފައިވާއިރު "ސަމްރަތު ޕްރިތުވީރާޖް" އަށް ލިބިފައިވަނީ 68 ކްރޯޑެވެ. އަދި "ބައްޗަން ޕާންޑޭ"އަށް ލިބުނީ 50 ކްރޯޑެވެ. މި އަދަދުތަކަކީ މި ފިލްމުތަކުގެ ބަޖެޓަށް ވުރެ މާކުޑަ އަދަދުތަކެއް ކަމުން ފިލްމުތައް ފްލޮޕްވީ އެވެ.