ބޮލީވުޑް

ކަޕިލްގެ ޝޯގައި ބައިވެރިވާން އަކްޝޭ ދެކޮޅު ހަދައިފި

ސޮނީ ޓީވީން ދައްކާ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ބައިވެރިވުމަކީ ބޮލީވުޑް ތަރިން ވަރަށް އަހައްމިއްޔަތުކަން ދޭ ކަމެކެވެ. ފިލްމެއް ރިލީޒް ވާން ކައިރިވުމުން އެ ފިލްމެއް ޕްރޮމޯޓް ކުރަން ހުރިހާ ތަރިން ކަހަލަ ގޮތަކަށް ކަޕިލްގެ ޝޯ އަށް ޒިޔާރަތް ކުރެ އެވެ. އަކްޝޭ ކުމާރަކީ ވެސް މި ޝޯގައި މިހާތަނަށް ވަރަށް ގަވާއިދުން ބައިވެރިވަމުން އައި އެކްޓަރެކެވެ. ނަމަވެސް އަކްޝޭގެ އާ ފިލްމު "ބަންޗަން ޕާންޑޭ" ޕްރޮމޯޓްކުރަން ކަޕިލް ޝޯގައި ބައިވެރިވާން ދެކޮޅު ހަދާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އަކްޝޭ ހިތްހަމަ ނުޖެހުނީ އޭނާ އެންމެ ފަހުން ބައިވެރިވި ފަހަރު ކަޕިލް އާއެކު ދައްކާފައިވާ ވާހަކައެއްގެ ކްލިޕެއް ސޯޝަލް މީޑިއާގައި ލީކުވުމުންނެވެ. މި ކްލިޕްގައި އަކްޝޭ އާއި ކަޕިލް ދައްކާފައިވާ ވާހަކަތައް ޝޯގައި ދައްކަން އަކްޝޭ ހިތްހަމަ ނުޖެހިގެން އެ ބައި އޮތީ ޝޯގައި ނުހިމަނަ އެވެ. ނަމަވެސް ކަޕިލް ޝޯގައި މަސައްކަތްކުރާ މީހަކު އެ ކްލިޕް ލީކު ކޮށްލީ ކަމަށް ވަނީ ޝައްކު ކުރެވިފަ އެވެ.

މި ކްލިޕްގައި އަކްޝޭ ކައިރި ކަޕިލް އަހަނީ ވަރަށް މަޝްހޫރު ޝަޚްސިއްޔަތަކާއެކު އޭނާ ކުރި އިންޓަވިއުއެއްގެ ވާހަކަ އެވެ. މި ސުވާލުގެ ޖަވާބު ނުދީ އަކްޝޭ ކަޕިލް ކުރެން އަހަނީ އޭނާ އަނބު ކާން ބޭނުން ވަނީ ކޮން ގޮތަކަށް ތޯއެވެ؟ ކަޕިލް އަސްލު ސުވާލު ކުރަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އަކްޝޭ ކުރި އިންޓަވިއު އެއްގެ ވާހަކަ އެވެ.

ކޮންމެއަކަސް މި ވާހަކަތައް އެ ފަހަރު ދިޔައީ އަކްޝޭ އެހާ ހިތްހަމަޖެހޭ ގޮތަކަށް ނޫންކަމަށް ވެފައި އެ ކްލިޕް ދައްކައިފިނަމަ އޭގެން ނުކުމެދާނެ ނޭދެވޭ ނަތީޖާއަކަށް ބަލައި އެބައި ނުދައްކަން ޗެނަލްގެ ކިބައިން އަކްޝޭ އެދުނީ އެވެ. އަދި އެންމެން އެއްބަސްވެ ޝޯގައި އެބައި ނުދައްކަ އެވެ. ނަމަވެސް ކަޕިލްގެ ޝޯގެ ކޮންމެވެސް ބައިވެރިއަކު އެ ކްލިޕް ލީކުކޮށްލުމުން އަކްޝޭ ހިތްހަމަނުޖެހުނީ އެވެ.

ޝޯއަކީ ލައިވްކޮށް ދައްކާ ޝޯއަކަށް ނުވެފައި އެ ޝޯ ރެކޯޑް ކުރާއިރު ހިތްހަމަނުޖެހޭ އެއްޗެއް ބުނެވިއްޖެނަމަ އެ ބައެއް އުނިކޮށްދޭން އެދުމަކީ ފަންނާނުންގެ ހައްގެކެވެ. އަދި ވަރަށް ގިނަ މީހުން އެގޮތަށް ބުނެ އުޅެ އެވެ.

އަކްޝޭ ވެސް އެގޮތަށް އެދުމުން އެއްބަސްވެފައި ކަޕިލްގެ ޓީމުގެ މީހަކު އެ ކްލިޕް އިންޓަނެޓުގައި ލިކުކޮށްލުމުން އޭގެ ޒިންމާ ކަޕިލް އާއި ޗެނަލް ނަގަން ޖެހޭނެކަމަށް އަކްޝޭ ގަބޫލު ކުރެ އެވެ. އެހެންވެ މިކަންވީ ގޮތް ރަނގަޅަށް ތަހުގީގުކޮށް އޭނާއަށް އޮޅުން ފިލުވައިދޭން އަކްޝޭ ވަނީ އެދިފަ އެވެ. އަދި އެކަން ނުކުރަނީސް އިތުރަށް ކަޕިލް ޝޯގައި އަކްޝޭ ބައިވެރި ނުވާނެކަމަށް ވެއެވެ.

ދާދި ފަހުން ވެސް ދެ ފަހަރެއްގެ މަތިން ކަޕިލް ޝަރުމާ ޝޯގައި އަކްޝޭ ބައިވެރިވެފައި ވެއެވެ. އެއީ "ސޫރިޔަވަންޝީ" އާއި "އަތުރަންގީ ރޭ" ޕްރޮމޯޝަނަށެވެ.

ފަރްހާދް ސަމްޖީ ޑައިރެކްޓްކޮށް ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކޮށްފައިވާ "ބައްޗަން ޕާންޑޭ" އަކީ އެކްޝަން ކޮމެޑީ ފިލްމެކެވެ. މިއީ 2014ގައި ރިލީޒް ކުރި ތަމަޅަ ފިލްމު "ޖިގަރްތަންޑާ'ގެ ހިންދީ ރިމޭކެކެވެ.

އަންނަ މާޗް މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި އަކްޝޭގެ އިތުރުން ކްރީތީ ސެނޯން އާއި ޖެކްލީން ފެނާންޑިސް ބައިވެރިވެ އެވެ.