ކަވީތާ ކޯޝިކް އާއި ގިއްޕީ ގަރެވާލްގެ ޕަންޖާބު ފިލްމެއްގެ ޓްރެއިލާ ލޯންޗުކުރުމުގެ އިވެންޓަށް ހާޒިރުވެ މީހުންގެ ތެރޭގައި ބޮލީވުޑް މަޝްހޫރު ތަރި އާމިރު ޚާން އާއި ކޮމޭޑިއަން ކަޕިލް ޝަރުމާ ހިމެނެ އެވެ.
މި އިވެންޓުގައި އާމިރު އާއި ކަޕިލްގެ މެދުގައި ވަރަށް މަޖާ ވާހަކަތަކެއް ދެކެވުނެވެ. ކަޕިލްގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަށް ދައުވަތު ނުދޭ ކަމަށް ބުނެ އާމިރު ވަނީ ކަޕިލް އަށް ޝަކުވާ ހުށަހަޅާފަ އެވެ.
އާމިރު ބުނި ގޮތުގައި ޚުދް އޭނާ އަކީ ވެސް ކަޕިލްގެ ފޭނެކެވެ. ކަޕިލް ވަރުގެ މޮޅު ކޮމޭޑިއަންއެއް އިންޑިޔާގައި ނެތް ކަމަށްވެސް އާމިރު އެއްބަސްވި އެވެ. އަދި އެތައް މިލިއަން ބައެއްގެ މުނިފޫހިފިލުވައިދިނުމަށް ކަޕިލް ކުރާ މަސައްކަތް ފާހަގަކޮށް އާމިރުގެ ހެޔޮއެދުންތައް ކަޕިލްއަށް ރައްދުކުރި އެވެ.
"އަހަންނަކީ ކަޕިލްގެ ވަރަށް ބޮޑު ފޭނެއް. އަހަރެން ވަރަށް ގިނައިން އޭނާގެ ޝޯ ބަލާފައި ހެން. އަދި ވަރަށް ފަހުން އޭނާއާ ގުޅާފައިވެސް މި ވާހަކަ ބުނިން. އަހަރެން އަހަން ބޭނުން ކަޕިލް ކައިރީ ކީއްވެތޯ އަހަރެންނަށް އޭނާގެ ޝޯގައި ބައިވެރިވުމުގެ ދައުވަތު ނުދެނީ. އޭނަ އެހެން އެހުމުގެ ކުރިން އަވަހަށް އަހަރެން މިއެހީ،" މި އިވެންޓުގައި ވާހަކަ ދައްކަމުން އާމިރު ބުންޏެވެ.
އާމިރުގެ މި ޝަކުވާއަށް ކަޕިލް ޖަވާބު ދެމުން ބުނީ އޭނާގެ ޝޯ އަށް އާމިރު އައުމަކީ ލިބޭނެ ވަރަށް ބޮޑު ނަސީބެއް ކަމަށް ދެކޭ ކަމަށެވެ.
"އަބަދުވެސް އަހަރެމެން ބައްދަލުވަނީ ބަޔަކާއެކު ތިއްބާ. އަހަރެން ވަރަށް ގިނަ ފަހަރު އެދެފިން އޭނަ (އާމިރު) ކައިރިން އަހަރެންގެ ޝޯގައި ބައިވެރިވެދޭން. އެކަމަކު އޭނަ ފަހުން ގުޅާނަމޭ ކިޔާފަ ޚަބަރެއް ނުވޭ. މިފަހަރު އަހަރެމެން މި ބައްދަލުވީ ތިން އަހަރު ފަހުން،" ކަޕިލް ބުންޏެވެ.
ޖަވާބުގައި އާމިރު ބުނީ ކަޕިލް އަބަދުވެސް ގުޅަނީ ފިލްމު ޕްރޮމޯޝަނަށް އަންނަން ކަމަށާއި ފިލްމު ޕްރޮމޯޓްކުރަން އެއްވެސް ޝޯއެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ.
"އަހަރެން ބޭނުމީ ހަމަ މަޖާކޮށްލަން ތި ޝޯގައި ބައިވެރިވާން. އެއްވެސް ފިލްމެއްގެ ޕްރޮމޯޝަނަށް ބައިވެރިވާކަށް ބޭނުމެއް ނޫން،" އާމިރު ބުންޏެވެ.