ބޮލީވުޑް

ކަޕިލްގެ ޝޯގައި ބައިވެރިވުމުގެ ވިސްނުމެއް ސުނިލްގެ ނެތް

މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާގެ ޝޯތަކުގައި ގުރްތީ އަދި ޑރ. މަޝްހޫރު ގުލާޓީގެ ރޯލު އަދާކުރި ކޮމޭޑިއަން ސުނިލް ގްރޯވަރު އަލުން އެ ޝޯއަށް އެނބުރި އަންނަން އުޅޭކަމަށް އިންޑިޔާގެ ނޫސްތަކުން ފެތުރި ޚަބަރު އޭނާ ދޮގުކޮށްފި އެވެ.

ކަޕިލްގެ ޝޯގައި އަލުން އޭނާ ބައިވެރިވާން މީހުން ކިތަންމެ ބޮޑަށް އެދުނު ނަމަވެސް ސުނިލް އެކަމަށް ނޭދެކަން އޭނާގެ ވާހަކަތަކުން ހާމަވެ އެވެ.

ސުނިލް ބުނި ގޮތުގައި އޭނާ ކަޕިލް ޝޯ އަށް އެނބުރި ދާކަށް ނޫޅެ އެވެ. އޭގެ ބަދަލުގައި އޭނާ މިހާރު ވެސް މަސައްކަތް ކުރަމުންދާ ގޮތަށް ފިކްޝަން ޝޯތަކުގައި މަސައްކަތް ކުރަމުން ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުނު ސުނިލް މިހާރު ވަނީ "ޔުނައިޓެޑް ކައްޗޭ" ކިޔާ އާ ކޮމެޑީ ޝޯއެއް ލޯންޗުކޮށްފަ އެވެ. އަދި ޝާހް ރުކް ޚާންގެ "ޖަވާން"ގައި ވެސް ސުނިލް ވަރަށް މުހިއްމު ރޯލެއް ކުޅެފައި ވެއެވެ.

ސުނިލްގެ އާ ޝޯ ދައްކަން ހަމަޖެހިފައިވަނީ ޒީ5 އިންނެވެ. އޭނާ ބުނި ގޮތުގައި މި ޝޯގައި ދައްކަނީ ބޭރު ގައުމުތަކަށް ހިޖުރަ ކޮށްގެން އުޅޭ އިންޑިޔާ މީހުންގެ މަޖާ ކަންތައް ތަކެއް ކަމަށެވެ. މިއީ ލަންޑަން އަށް ބިނާކޮށް އުފައްދާ ސިޓްކޮމް އެކެވެ.

މި ޝޯގެ ޓްރެއިލާ މިހާރު ދައްކަން ފަށާފައިވާއިރު ޓްރެއިލާގައި ފެންނަނީ ސުނިލްގެ ކެރެކްޓާ ޓެންގޯ ލަންޑަންގެ މަގެއް މަތިން ހިނގާފައި ދާތަނެވެ. ޓެންގޯ ހުންނަނީ މުޅި ގައިގައި ބެޑްޝީޓެއް އޮޅައިގެން ކުނިކަހާ ފިހިގަނޑެއް ހިފައިގެންނެވެ. މި ސިޓްކޮމްގައި ދައްކަނީ ޓެންގޯ އަށް ދިމާވާ އެކި ކަހަލަ މަޖާ ކަންތަކެވެ.