ހޮލީވުޑް

"ސްޕައިޑަމޭން: ނޯ ވޭ ހޯމް"ގެ ޓްރެއިލާ ނެރެފި

މާވެލް ސްޓޫޑިއޯސްގެ، "މާވެލް ސިނަމެޓިކް ޔުނިވާސް" (އެމްސީޔޫ) އަށް ގެންނަ ތިންވަނަ ސްޕައިޑަމޭން ފިލްމްގެ ފުރަތަމަ އޮފިޝަލް ޓްރެއިލާ ނެރެފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް، މާވެލް ސްޓޫޑިއޯސް، ސޮނީ އަދި ޑިޒްނީގެ އެކި ޕްލެޓްފޯމްތަކުގައި ނެރުނު މި ތިން މިނިޓުގެ ޓްރެއިލާގައި ފިލްމުގެ މައިގަނޑު ޕްލޮޓް އަދި ބައެއް ކެރެކްޓާތައް ދައްކާލާފައި ވެއެވެ. އަދި "ސްޕައިޑަމޭން: ނޯ ވޭ ހޯމް" އޭ ކިއާ މި ފިލްމް ނެރޭނެ ތާރީހު ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ޓްރެއިލާއިން ފެނިގެންދާ ގޮތުގައި މި ފިލްމު ފެށެނީ "ސްޕައިޑަމޭން: ފާ ފްރޮމް ހޯމް" (ދެވަނަ ބައި) ނިމުނު އިރު، ކްރެޑިޓް ސީންގައި ހިނގާ ދިޔަ ހާދިސާއަށް ފަހު އެވެ. ފިލްމުގެ މައި ކެރެކްޓާ ޕީޓާ ޕާކާ ނުވަތަ ސްޕައިޑަމޭންގެ ސިއްރު އާންމުވެފައިވާ ހާލަތައް ބިނާ ކޮށެވެ.

"ސްޕައިޑާމޭން: ނޯ ވޭ ހޯމް" ގެ ޓްރެއިލާ

މި ފިލްމުގައި ޕީޓާ ޕާކާގެ އިތުރުން އެމްސީޔޫގައި މަޝްހޫރު އިތުރު ކެރެކްޓާތައް ވެސް ފެނިގެން ދާނެ އެވެ. އެގޮތުން ޑޮކްޓާ ސްޓްރޭންޖް މައި ރޯލަކުން މި ފިލްމުން ފެނިގެން ދާނެ އެވެ. އަދި މަލްޓިވާސް ކޮންސެޕްޓުގެ ތެރެއިން އެމްސީޔޫއިން ބޭރުގެ ސްޕައިޑަމޭން ފިލްމް ތަކުގެ ކެރެކްޓާތައް ވެސް ފެންނާނެ ކަމުގެ ހަބަރުތައް ފެތުރިފައިވާއިރު މި ޓްރެއިލާގައި އެލްފްރެޑް މޮލިނާ އޭނާގެ މަޝްހޫރު ރޯލް ޑޮކްޓާ އޮކްޓޮޕަސް ގެ ރޯލުން ދައްކާލަ އެވެ.

އެލްފްރެޑް މި ރޯލުން ފެނިގެން ގޮސްފައި ވަނީ 2004 ވަނަ އަހަރު ސޮނީއިން ނެރުނު "ސްޕައިޑަމޭން: 2" އިން ނެވެ.

މި ފިލްމުގައި ކުރީގެ ފިލްމްތަކުން ފެނިގެން ދިޔަ ގިނަ ތަރިންތައް ފެނިގެންދާނެ އެވެ. އެގޮތުން ޓޮމް ހޮލެންޑް، ޒެންޑާޔާ، މަރިސާ ޓޮމެއި އަދި ޖެކޮބް ބެޓެލޮން ހިމެނެ އެވެ. އަދި އޭގެ އިތުރުން ޑޮކްޓާ ސްޓްރޭންޖް ގެ ރޯލުން ބެނެޑިކްޓް ކަމްބާބެޗް ފެނިގެން ދާނެ އެވެ.

މި ފިލްމް ނެރުމަށް ހަމަޖެހިފައ ވަނީ އަންނަ ޑިސެމްބަރު 17 ވަނަ ދުވަހު ސިނަމާތަކަށެވެ. ފިލްމް ޑިރެކްޓް ކޮށްފައި ވަނީ ކުރިން ވެސް އެމްސީޔޫގެ ސްޕައިޑާމޭން ފިލްމްތައް ޑިރެކްޓްކޮށްފައިވާ ޖޮން ވަޓްސް އެވެ.