ދުނިޔެ

ގޫގުލްގެ ހެލްތު ޑިވިޒަން ބަންދުކޮށްފި

Aug 24, 2021

ގޫގުލް ހެލްތު ވަކި ޑިވިޒަނެއް ގޮތުގައި ދެން ނުހިންގާނެ ކަމަށް ބިޒްނަސް އިންސައިޑާއިން ރިޕޯޓްކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގޫގުލް ހެލްތުން ކުރި މަސައްކަތްތައް މިހާރު ވަނީ ވަކި ޕްރޮޖެކްޓްތަކެއް ގޮތަށް ބަހާލައި އެހެން ސެކްޝަންތަކާ ހަވާލުކޮށްފަ އެވެ.

ބިޒްނަސް އިންސައިޑާ އިން ބުނީ ހެލްތު ޑިވިޒަންގެ ވެރިއަކަށް ހުރި ޑޭވިޑް ފިންބާގް ވެސް އެހެން ކުންފުންޏަކަށް ބަދަލުވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގޫގުލް އަށް ހެލްތު ޑިވިޒަން ހުއްޓާލަން ޖެހުނީ އުންމީދުކުރި ގޮތަށް ނުހިންގިގެންނެވެ. ލިބޭނެ ކަމަށް އުންމީދުކުރި ކޮންޓްރެކްޓް ތައް ވެސް ފަހު ވަގުތު ކެންސަލްވުމުންނެވެ.

ގޫގުލުން ބުނީ ހެލްތު ޑިވިޒަން ނަމުގައި ޑިވިޒަނެއް ނުހިނގި ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ. ސިއްހީ ދާއިރާ އަށް ޚާއްސަ ޓެކްނޮލޮޖީ އުފައްދައި ތައާރުފުކުރާނެ ކަމަށް ވެސް ގޫގުލް އިން ބުނެ އެވެ.

ސިއްހީ ދާއިރާއާ ގުޅުން ހުރި ޓެކްނޮލޮޖީ އަށް އިންވެސްޓްކުރުމަކީ ގޫގުލް އިން ބޮޑު އިސްކަމެއް ދިން ކަމެކެވެ. އަދި ގޫގުލްގެ އުފެެއްދުންތައް ސްމާޓް ޑިވައިސްތައް މެދުވެރިކޮށް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.