ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

60 އަހަރުން މަތީ މީހުންނަށް ފައިޒާ ދެނީ

ކޮވިޑް-19 އިން ދިފާއުވުމަށް މިހާތަނަށް އެއްވެސް ވެކްސިނެއް ޖަހާފައި ނެތް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވަނީ ފައިޒާ ވެކްސިން އިތުރު ކެޓަގަރީއަކަށް ހުޅުވާލަން ނިންމާ އެކަން ހާމަކޮށްފައެވެ. ކޮވެކްސްް ފެސިލިޓީ މެދުވެރިކޮށްް ޔޫއެސްްގެ އެހީގައި ރާއްޖެއަށްް ލިބުނު ފައިޒާ ވެކްސިން މިހާރު ދަނީ ޖަހަމުންނެވެ. މި ވެކްސިނަކީ 12 އަހަރުން މަތީގެ މީހުންނަށް ހާއްސަ ވެކްސިނެކެވެ.

މި ފަހަރު ރާއްޖެެއަށް ލިބުނު ވެކްސިން މައިގަނޑު ގޮތެއްގައި ޖަހަނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. އޭގެ އިތުރުން މާބަނޑު މީހުންނަށްވެސް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން މިރޭ ބުނީ މާދަމާއިން ފެށިގެން އުމުރުން 60 އަހަރުން މަތީގެ މީހުންނަށްވެސް ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށެވެ. ނަމަވެސް އެ ވެކްސިން ޖަހައިދޭނީ މިހާތަނަށް އެއްވެސް ވެކްސިނެއް ޖަހާފައި ނެތް މީހުންނަށެވެ.

މީގެ އިތުރުން ދިފާއީ ނިޒާމު ދަށް މީހުންނަށްވެސް މި ވެކްސިން ޖަހައިދޭނެ އެވެ. އެ ކެޓަގަރީގައި ހިމެނެނީ ހަށިގަނޑުގެ ގުނަވަނެއްް ބަދަލުކޮށްފައިވާ މީހުންނާއި އޮޓޯ އިމިއުނިޓީ ޑިސީސަސްް މީހުންނާއި ކެންސަރު ބަލީގެ މީހުންނާއި ދިގު މުއްދަތަކަށްް ސްޓެރޮއިޑްް ބޭނުންކުރާ މީހުންނާއި ތެލެސީމިއާ ކުދިންނާއި ސިކްލްްސެލް އެނީމިއާ އަދި ޑައިލައިސިސްް ހަދާ މީހުންނާއި ކިޑްނީ ބަލިފަދަ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަމުންދާ މީހުންނެވެ.