އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްގައި ކިޔަވަން އިސްލާމިކް ބޭންކުގެ އެހީ

އިސްލާމިކް ބޭންކްގެ ޗެރިޓީ ފަންޑުން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގައި ކިޔަވާ ދަރިވަރުންނަށް އެހީ ދޭން ނިންމައިފި އެވެ.

އިއްޔެ އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ.

އެއްބަސްވުމުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި އިސްލާމިކް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ފައިނޭންސް އޮފިސަރު އަލީ ވާސިފެވެ.

އެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކްގެ ޗެރިޓީ ފަންޑް ބެލެހެއްޓުމުގެ ޒިންމާ އެ ބޭންކާއި އައިޔޫއެމްއިން ވެސް އެއްބަސްވާ ގޮތުގެ މަތިން އައިޔޫއެމާ ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ސަބަބުން އައިޔޫއެމްގެ ދަރިވަރުންނަށާއި މުސްތަގުބަލުގައި އެ ޔުނިވާސިޓީން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފަންޑު މެދިވެރިކޮށް މާލީ އެހީތެރިކަން ލިބޭނެ އެވެ. އަދި ގިނަ ބަޔަކަށް އިސްލާމިކް ޔުނިވާސިޓީގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.