އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީ އިން ހުޅުމާލޭގައި ޑްރައިވިން ޓްރެކް އަޅަން ސާމާނު ދީފި

Aug 25, 2021

އެއްގަމު އުޅަނދު ދުއްވާ ޓެސްޓް ހަދަން ހުޅުމާލޭގައި ޓްރެކެއް އަޅަން ބޭނުންވާ ސާމާނު އެމްޑަބްލިޔުއެސްސީ އިން
ހަދިޔާކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމަށް ލައިސަންސް ޓެސްޓް ހެދުމަށްޓަކައި ހުޅުމާލޭގައި ހަދާ "ޑްރައިވިން ޓްރެކް" އެޅުމަށް ބޭނުންވާ ތަކެތި ދީފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ. އެ ކުންފުނިން ދިން ތަކެތީގެ އަގު މިލިއަނަކަށްވުރެ މައްޗެވެ. މި ތަކެތި އެ މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

މި ތަކެއްޗާ ހަވާލުވުމަށްފަހު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ހުޅުމާލޭގައި ގާއިމް ކުރާ ޑްރައިވިން ޓްރެކްއަކީ ވަރަށް ގިނަ ރައްޔިތުންނާއި ގުޅިފައިވާ ކަމެއްކަމާއި އަދި މިކަން ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެމްޑަބްލިޔުއެސްސީގެ ސީއެސްއާރުގެ ދަށުން އެހީ ދިނީތީ ޝުކުރުވެރިވާ ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑްރައިވިން ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގެ މައިގަޑު މަގްސަދަކީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ލައިސަންސް ޓެސްޓް ހަދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ. މިގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވަން ދަސްކޮށްދިނުމަށް އެކަށީގެންވާ ޖާގައެއް ނެތުމަކީ މިހާރު ޑްރައިވިން ސްކޫލް ތަކަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމެވެ.

މި ފަދަ ޓްރެކެއް ގާއިމްވެގެން ދިއުމުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރުގެ ލައިސަންސް ދިނުމަށްޓަކައި ދެވޭ ޓެސްޓް ކުރިޔަށް ގެންދިޔުމަށް ރަނގަޅު މާހައުލެއް ލިބި ޑްރައިވިން ޓްރެކްގެ ބޭނުން ހިއްޕަވާ ފަރާތްތަކަށް ފަސޭހަކަން ލިބިގެން ދާނެ އެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ ކުންފުނިން ތަރައްގީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގުގައި ވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމައުގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ތަފާތު އެކި އެކި ރޮނގު ރޮނގުން އެހީތެރިވެ މަސައްކައްތައް ކޮށްދިނުމެވެ.