ދުނިޔެ

އަފްޣާނިސްތާނަށް މާލީ އެހީދިނުން ވޯލްޑް ބޭންކުން މެދުކަނޑާލައިފި

އަފްޣާނިސްތާންގައި ވޯލްޑް ބޭންކުން ހިންގާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުން މި ވަގުތަށް މެދުކަނޑާލަން ނިންމައިފި އެވެ. ވޯލްޑް ބޭނުންކުން ބުނީ އަފްޣާންގެ ވެރިކަން ތާލިބާނުން ޖަހައިގެންފައިވާތީ މާލީ ގޮތުން އެހީތެރިވުން ވަގުތީ ގޮތުން ހުއްޓާލީ ކަމަށެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުން އަފްޣާންގައި ވާނުވާ ވަަރަށް ގާތުން ބަލަމުން ގެންދާނެ އެވެ. ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވޯލްޑް ބޭންކުގެ ތަރުޖަމާން ވިދާޅުވީ ބައިނަލްއަގުވާމީ ޖަމާއަތްތަކާއެކު އަފްޣާނާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ފަންޑު ދޭ ޖަމާއަތްތަކާ ވެސް މަޝްވަރާ ކުރައްވާނެ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުން އެންމެ ބޮޑު މައްސަލައަކީ އިންސާނީ ހައްގުތަކާ މެދު ތާލިބާނުން ދެކޭ ގޮތެވެ. ޚާއްސަކޮށް ކަނބަލުންނަށް އިހާނެތިކޮށް ހިތާ ނަމަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން މާލީ ސަޕޯޓް ހުއްޓާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފްޣާންގައި ވޯލްޑް ބޭންކުން ބިޔް ޕްރޮޖެކްޓްތައް ހިންގަ އެވެ. ތާލިބާނުން އަފްޣާން ޖަހައިގަތުމާ ހަމައަށް 5.3 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައި ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އިންޓަނޭޝަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ވަނީ އަފްޣާނާ މެދު ވިސްނަން ފަށާފަ އެވެ. އަފްޣާނަށް ލިބެން ހުރި ފަައިސާއާ އަދި މާލީ ގޮތުން އަގުވަޒަން ކުރެވެން ހުރި އެހެނިހެން ވަސީލަތްތައް ވެސް މިވަގުތު ހުރީ ހުއްޓިފަ އެވެ.

އަފްޣާންގައި ތާލިބާނުން އަމިއްލަ ވެރިކަމެއް ގާއިމުކޮށް ކަނޑައަޅާ ގާނޫނެއްގެ ސަބަބުން ބޭރު ދުނިޔެއާ ގުޅުން ކަނޑައިގެން ދިއުމުގެ ބިރު އޮތް ކަމަށް މަޝްރަހު ދިރާސާކުރާ މީހުން ބުނެ އެވެ. ތާލިބާނުން ބުނަނީ އެކަން އެގޮތަށް ނުކުރާނެ ކަމަށާއި ހައްގުތައް ކަށަވަރުކޮށް ދޭނެ ކަމަށެވެ. އަދި ބުނީ ދުނިޔެއާ ގުޅުން ކެނޑިގެން ހިނގައިދާނެހާ ކަމަކުން ދުރުހެލި ވާނެ ކަމަށެވެ.