ދުނިޔެ

އަފްޣާންގެ ފައިސާތައް ދޫކުރަން ގޮވާލައިފި

އެމެރިކާގައި ހިފަހައްޓާފައި ހުރި އަފްޣާން ފައިސާ ދޫކޮށްދޭން ގާނޫން ހަދާ މަޖިލީހުގެ މެމްބަރު ބާނީ ސެންޑާޒް، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކިބައިން އެދިވަޑައިގެންފި އެވެ.

މަޝްހޫރު ސެނެޓަރު، ސެންޑާޒް ވިދާޅުވި ގޮތުގައި އަފްޣާން އޮތީ އިންސާނީ ކާރިސާތެއްގެ ތުންފަތްމަތީގަ އެވެ. އެހީތެރިކަން އަވަސް ނުކުރެވިއްޖެ ނަމަ އެތައް ބަޔަކު މަރުވެ، ނެތި ހިނގައިދާނެ އެވެ.

އަފްޣާންގައި އޮތް މަދަނީ ސަރުކާރު އޮގަސްޓް 2021 ގައި ތާލިބާނުން ވައްޓާލުމާ ގުޅިގެން އަފްޣާނަށް ލިބެން ހުރި 10 ބިލިއަން ޑޮލަރު ނިއުޔޯކް ފެޑަރަލް ބޭންކުން ހިފެހެއްޓި އެވެ.

މިދަނޑިވަޅާ ދިމާކޮށް ބައިނަލްއަގްވާމީ މާލީ އިދާރާ، އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭނުންކް ވެސް އަފްޣާނަށް އެހީދިނުން ހުއްޓާލި އެވެ. މިއީ އަހަރު ދުވަހަށް ބަހާލައިގެން ދެމެހެއްޓެނިވި ގޮތުގައި އަފްޣާނަށް އަބަދުވެސް ލިބިލިބި ހުންނަ އެތައް މިލިއަން ޑޮލަރެކެވެ.

އަފްޣާންގެ ފައިސާތައް ދޫކޮށްދެއްވުމަށް ބާނީ ސެންޑާޒް ގޮވާލެއްވުމުގެ ކުރިން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފަ އެވެ.

ސެކްރެޓަރީ ޖެނެރަަލް ވިދާޅުވި ގޮތުން އަފްޣާންގެ މަރުކަޒީ ބޭންކް ރަނގަޅަށް ހިނގައިގެން ނޫން ގޮތަކަށް ވެއްޓިފައި އޮތް އިގުތިސޯދީ ވަޅުގަނޑުން އަރައި ނުގަނެވޭނެ އެވެ.

އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ އަފްޣާނަށް ވަމުންދާ ގޮތް ދުނިޔެއަށް މިހާރު އެބަ ފެންނަ ކަމަށެވެ. ކުރިމަތީގައި އޮތް ސުވާލަކީ މިހާރު އޮތް ގޮތަށް އަޅާނުލައި އަފްޣާން ދޫކޮށްލާނީތޯ ނޫން ނަމަ ހިފަހައްޓާފައި ހުރި ފައިސާތައް ދޫކޮށްލައި އިންސާނީ ކާރިސާއަކުން އެގައުމު ސަލާމަތްކުރާނީތޯ އެވެ.

އަފްޣާން މިހާރު އޮތް ހާލަތަށް ޒިންމާވާން ޖެހޭ ބަޔަކީ އެމެރިކާ ކަމަށް ބުނާ އަޑުތައް ދަނީ ގަދަވަމުންނެވެ. އެމެރިކާ ސިފައިން އަފްޣާންގައި 20 އަހަރު ހޭދަކޮށް ފައިބައިގެން ދިއުމާއެކުހެން މުޅި ގައުމު ބަނޑަޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާ ކަމަށް ބުނެ ވަކާލާތުކުރާ މީހުން ވަަރަށް ގިނަ އެވެ.

ބާނީ ސެންޑާޒް ނޫނަސް އެމެރިކާގައި ހިފަހައްޓާފައި ހުރި އަފްޣާން ފައިސާ ދޫކޮށްދޭން ގާނޫން ހަދާ މަޖިލީހުގެ މެންބަރުން ވަނީ ބައިޑަންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަނެއްކޮޅުން ވޯލްޑް ފުޑް ޕްރޮގްރާމް ފަދަ ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުން ވެސް ވަނީ އަފްޣާން ފައިސާތައް ދޫކޮށްލުމަށް ގޮވާލާފަ އެވެ.